މިދިޔަ ބުދަ ދުވަހު ކ. ގާފަރު ފަރަށްއެރި ލަންދޫ ބޯޓު ހަތަރު ދުވަސްފަހުން ށްފަހު މިއަދު ފުންކޮށްފިއެވެ.
ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު މާލޭން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަނިކޮށް، ލަންދޫ ބޯޓު ގާފަރު ފަރަށް އެރީ މިދިޔަ ބުދަ ދުވަހުއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް މިއަދު ވިދާޅުވީ، މިއަދު މެންދުރު 12 ޖަހާކަންހާއިރު އެ ބޯޓު ފުން ކޮށްފައިވާ ކަމަށެވެ. ބޯޓު ފުންކުރީ ގާފަރު ރައްޔިތުންނާއި އެ ބޯޓުގައި ތިބި މީހުންގެ އިތުރުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ބޯޓު ފުން ކޮށްގެން ގާފަރު ފަޅަށް އެ ވައްދަނީ، ބޯޓު ފުންކޮށްފައި ވަނީ އެކަމަށް ބޭނުންވާ އާލާތްތައް ބޭނުންކޮށްގެން އެމްއެންޑީއެފާއި މިރަށު ރައްޔިތުންނާއި އެ ބޯޓު މީހުންގެ އެހީތެރިކަމާއެކު،" މުބައްޝިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯޓު ފަޅަށް ވެއްދުމަށްފަހު އެރަށަށް ބޯޓު އެހެލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ލަންދު ބޯޓު ގާފަރު ފަރަށް އެރީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭރު ބޯޓުގައި 35 މީހުން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
މުބައްޝިރު ވިދާޅުވީ، ބޯޓުން ދަތުރު ކުރި މީހުންނަށް މިހާރުވެސް އެ ރަށުން މެހްމާންދާރީ އަދާކޮށްދެމުންދާ ކަމަށެވެ.
ލަންދޫ ބޯޓުގެ ވެރިޔާ ޝުއައިބް އަބްދުﷲ "ވަން" އަށް ވިދާޅުވެފައިވަނީ އެ ބޯޓު ފަރަށް އެރި އިރު ބޯޓުގައި ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ.
ބޯޓު ފުން ކުރުމުން އެ ހާދިސާގައި ގާފަރު ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފައެވެ.