ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯތައް ލަމުންދަނިކޮށް ހައްޔަރުކުރި، ގ. ކަމަރާގެ/ މުހައްމަދު ނަބީލު (ޔާޔާ ނަބީލު) 37އ، ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއްމުކުރަމުންދާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ނަބީލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ ނަބީލުގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ނުފެއްނަ ކަމަށް ނިންމައި ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ނަބީލް ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، އޭނާ ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ޔާޔާ ނަބީލް މީގެ ކުރިން ޓިކްޓޮކުގައި ބަރަހަނާވި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރިއެވެ. އޭރު އޭނާ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީއެވެ.

ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ.

އެހެން ނަމަވެސް ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި އޭނާ ދަނީ ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމުކުރަމުންނެވެ.