ލައިފް ސްޓައިލް

ކައްޓަލަ، ތޮށީގައިވެސް އެތައް ފައިދާތަކެއް

1

ހުކުރު ދުވަހުގެ މެންދުރުގެ ހާއްސަ ކެއުމަށް އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ އެއްގޮތަކަށްވެސް ރިހާކުރު ދިޔައާއި ލޮނުމިރުސް ހުންނާނެތީއެއް ނޫނެވެ. ބަތާއި ފިހުނުމަހާއި ބަތްފެން ލިބޭނެތީއެއްވެސް ނޫނެވެ. އެކަމަކު ފަލަމަޑީގެ ބާވަތެއްކަމަށްވާ ކައްޓަލަ ކާން ލިބޭނެތީއެވެ.

ކައްޓަލައަކީ އޭގެ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ އެއްޗެކެވެ. ސަބަބަކީ އޭގައި ހިމެނޭ މާއްދާތައް ކަމަށްވާ ފައިބަރާއި އެންޓިއޮކްސިޑެންޓްސް ގިނައިން ހިމެނޭ އެއްޗެއް ކަމުން، ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. ގޮހޮރާއި ސިކުނޑި ދުޅަހެޔޮކަންމަތީ ވުމަށް ކައްޓަލަ މަގުފަހިކޮށްދެއެވެ. ރަނގަޅު ފެނުމާއި ދިފާއީ ނިޒާމަށް އެހީތެރިވުމަށް ވިޓަމިން އޭ އަށް ބަދަލުވެފައިވާ ބީޓާ ކެރޮޓީން އިން ގަބޫލުކުރަން ދަތި ވަރުގެ މުއްސަނދިކަން ވެސް އެކުލެވިގެންވެ އެވެ.

ކައްޓަލައިން ބަރުދަން ލުއިވުމަށްވެސް އެހާމެ އެހީތެރިވެއެވެ. މިއީ އާއްމުކޮށް ގޭގޭގައި ހުކުރު ދުވަހު ތައްޔާރު ކުރާ ކެއުމުގެ ބާވަތަކަށް ފަހަކަށް އައިސް ހިމެނިފައި ވިޔަސް، ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންވެސް ރަނގަޅު ބާވަތެކެވެ. ހަމައެެހެންމެ މިއީ ތަފާތު ބަލިތައް ހުންނަ މީހުންނަށް ވަރަށް ރަނގަޅު ކެއުމެއްވެސްމެއެވެ.

އޮރެންޖް، ހުދު ނުވަތަ މާމުއި ކުލައިގެ ކައްޓަލަ ވިޔަސް އޭގެ ތޮށިވެސް ކެވިދާނެއެވެ. އެހެންކަމުން ދެން ކައްޓަލަ ހަދާއިރު ތޮށި ބަހައްޓަން މަސައްކަތް ކުރާށެވެ. ކައްޓަލައިގެ ތޮށީގައި ފައިބަރާއި، އެންޓިއޮކްސިޑެންޓްތަކާއި، ޕޮޓޭސިއަމް، މެންގަނީޒް، އަދި ވިޓަމިން އޭ، ސީ، އަދި އީ ފަދަ ނިއުޓްރިއެންޓްސް ގިނައެވެ. މިއިން ކޮންމެ ބާވަތަކީވެސް ސިއްހަތު ރަނގަޅުކޮށް، ދުޅަހެޔޮ ކުރުމަށް އެހީތެރިވެދޭނެ ބާވަތެކެވެ.

ކައްޓަލައިގައި ބްލީޗިންގެ މާއްދާ އެކުލެވިގެންވާއިރު، މިއީ އުމުރުގެ ކުލަތަކާއި ރިއްސުންތައް ނައްތާލުމަށް އަޖައިބުވާހާ މޮޅު ވައްތަރެކެވެ. އަދި ކައްޓަލައިން ހަންގަނޑު އެކްސްފޯލިއޭޓްކޮށްގެން ދުޅަހެޔޮ އަލިކަމަކާއި ވިދުމެއް ލިބިގެންދާނެ އެވެ. ހަމައެހެންމެ ކައްޓަލައިގައި ބީ ކޮމްޕްލެކްސް ވިޓަމިންސް، ޕޮޓޭސިއަމް، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސް ހިމެނޭއިރު، މިއިން ހަންގަނޑު އަލިކޮށްލަދީ، ދޮންކޮށްލަދޭންވެސް އެހީތެރިވެދެއެވެ.