މިއަހަރު ނޮވެންބަރު މަހު ގަތަރުގައި ބާއްވަން ތާވަލު ކޮށްފައިވާ 2022 އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ކޮކާ ކޯލާއިން ދިވެހީންނަށް ގަތަރަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮކާ ކޯލާއިން ވޯލްޑް ކަޕާ ދިމާކޮށް ރާއްޖޭގައި ހިންގަން އަމާޒު ހިފާފައިވާ ހާއްސަ ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ހޮޓެލް ޖެންގައި ވަނީ ހާއްސަ އިވެންޓެއް ބާއްވައިފައެވެ. އެ އިވެންޓްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ކޮކާ ކޯލާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އިވެންޓްގައި ހަބޭސް ބޮޑުބެރުގެ ފޯރިގަދަ ހަރަކާތައްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، ކޮކާ ކޯލާއިން ވަނީ ވޯލްޑް ކަޕަށް ހާއްސަ ކެމްޕޭނުގެ ތަފްސީލު ހިއްސާކޮށްފައެވެ. ކޮކާ ކޯލާގެ ފަރާތުން އިއުލާނު ކުރި ގޮތުގައި ކުރިއަށް އޮތް ވޯލްޑް ކަޕަށް ރާއްޖޭގެ އަށް މީހަކަށް އިތުރު މީހަކު ގޮވައިގެން ވޯލްޑު ކަޕް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ވޯލްޑް ކަޕުގެ އަސްލު ތަޖުރިބާ ކޮށްލުމަށް "ހަގީގީ ޖާދޫ" ގެ ނަމުގައި ވޯލްޑް ކަޕުން އިވެންޓް އިއުލާން ކުރި އިރު، މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން އެމުއްދަތުގައި ގަންނަ ކޮކާ ކޯލާގެ އާދައިގެ ފުޅި، ކޮކާ ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ހަ ނަމްބަރުގެ ކޯޑު 2626 ފޮނުވައިގެން ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
ތަފާތު ލޭބަލްތަކެއްގައި ކޮކާ ކޯލާއިން ބާޒަރަށް ފުޅިތައް ނެރެފައިވާ އިރު، ގަތަރަށް ދިއުމުގެ ފުރުސަތުގެ އިތުރުން މިފަހަރުގެ ލަކީޑްރޯގައި އިތުރު އިނާމުތައް ވެސް ލިބޭނެއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ގޭމިން ކޮންސޯލެއް ނުވަތަ މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' ބޯޅައިގެ އިތުރުން ކޮކާކޯލާ ކޭސް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ލަކީޑްރޯގެ ކޮންމެ ދުވަހެއްގެ އަދި ކޮންމެ ހަފުތާއެއްގެ ނަސީބުވެރިން ހޮވާނީ މި މަހުގެ 10 އިން ފެށިގެން އަށް ހަފުތާ ވަންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށް ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގައެވެ.
މިރޭގެ ހަފުލާގައި ކޮކާކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ރާވާފައިވާ ޕްރޮމޯޝަންތަކާއި އެކިއެކި ހަރަކާތްތަކުން ތަނަސްވަކޮށްދެނީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ފީފާ ވޯލްޑް ކަޕްގެ އުފާވެރިކަމާއި ހަގީގީ އިހުސާސްތައް ރާއްޖޭގެ ގޭގެއަށް ގެނެސްދިނުމުގެ ފުރުސަތު ކަމަށެވެ. ކޮކާ ކޯލާއަކީ ހަމައެކަނި ބުއިމެއް ނޫން ކަމަށާއި އެ ޕްރޮޑަކްޓަކީ އުފާވެރިކަމާއި ގުޅުންތައް ގުޅުވައިދޭ ބުއިމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
'ކޮކާކޯލާ ފޭން ޒޯން'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވަރަށް އަވަހަށް ތައާރަފު ކުރާނެކަންވެސް މިރޭ އިއުލާނުކޮށްފައިވާ އިރު، ވެބްސައިޓް މެދުވެރިކޮށް ވޯލްޑް ކަޕްގެ ހާއްސަ ޕްރޮމޯޝަންތަކުގެ މައުލޫމާތާއި އިތުރު އިވެންޓްތަކުގެ މައުލޫމާތުވެސް ލިބޭނެއެވެ.
ކޮކާކޯލާއަކީ ފީފާގެ އެންމެ ބޮޑު ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ކޮކާ ކޯލާއިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށް، ސަޕޯޓަރުންނަށް ހާއްސަ އިވެންޓްތައްވެސް ފަހިކޮށްދެއެވެ.
ކޮކާ ކޯލާއަކީ ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ޓުއާގެވެސް ސްޕޮންސާއެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާއެކު ދިވެހިންނަށް ތަފާތު ތަޖުރިބާއެއް ގެނެސްދީފައިވެސް ވެއެވެ.
އޭގެ އިތުރުން މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ދިވެހީން ގެންދިޔުމަށް ކޮކާ ކޯލާއިން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ. އެ ތަޖުރިބާގައި ދިޔަ ދިވެހީންނަށް ކޮކާ ކޯލާއިން ތަފާތު ލަކްޒަރީ ތަޖުރިބާއެއް ގެނެސްދީފައިވާ އިރު، އެ ޕްރޮމޯޝަނަށް އަބަދުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދެއެވެ.
މިރޭ ބޭއްވި އިވެންޓްގައި ވޯލްޑް ކަޕްގެ ހާއްސަ ބޯޅަ، "އަލް ރިހްލާ" ވެސް ރާއްޖެއަށް ތައާރަފުކޮށްފައިވެއެވެ.