ދުނިޔެ

އިނގިރޭސި ބަސް ދުނިޔޭގައި ވަރުގަދަވުމުގެ ބައެއް ސަބަބުތައް

އިމާދު ލަތީފު

ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު އެތައް ބަހަކުން ވާހަކަ ދައްކައެވެ. އެއްބަހަކަށް ނިސްބަތްވާ ތަފާތު އެތައް ބަހުރުވަތަކެއްވެސް ހުރެއެވެ. ދިވެހި ބަހާއި އެބަހުގެ ބަހުރުވަތައްވެސް ހިމެނޭގޮތުންނެވެ. ދުނިޔޭގެ ބައެއް ބަސްބަހުގެ ތިމާގެކަން ވަރަށް ބޮޑެވެ. މިސާލަކަށް ފާރިސީޔާއި އުރުދޫއެވެ. ސްޕެނިޝްބަހާއި އިޓަލީ ބަހެވެ. ދިވެހިރާއްޖެއާ ކައިރިން އިންޑިޔާއަކީ އެންމެ ގިނަ ބަސްބަހުގެ އަހުލުވެރިން ދިރިއުޅޭ ގައުމެވެ. އިންޑިޔާގެ ދެކުނުބިތަށް ޚާއްސަ ބަސްބަހުގެ ތެރޭގައި ތަމަޅަޔާއި މެލަޔާޅަމާއި ކަންނަޑާ ހިމެނެއެވެ. ދުނިޔޭގެ އެކި ބަސްބަހާއިމެދު ވިސްނައިލާއިރު ހިތަށް އަރައެވެ. އެންމެ ގިނަބަޔަކު ދަންނަ އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބަހަކީ ކޮން ބަހެއް ބާވައެވެ. މިކަމާމެދު ދިރާސާތަކެއް ކުރެވިފައިވޭ ބާވައެވެ. އާނއެކެވެ. ދިރާސާތަކެއް ވަނީ ކުރެވިފައެވެ. ބަލައިލަމާ ބަހީއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ އެންމެ ގިނަބަޔަކު އެކި ކަންކަމުގައި މުވާސަލާތު ކުރުމަށް އެންމެ ގިނައިން ބޭނުންކުރާ ބަހަކީ އިނގިރޭސިބަހެވެ. އެބަހުން މުވާސަލާތުކުރާ މީހުންގެ އަދަދު 1.4 ބިލިޔަނަށް އަރައެވެ. އެއީ އިނގިރޭސި ބަހުގެ އަހުލުވެރިންނާއި އެބަހުގެ އަހުލުވެރިން ނޫން މީހުންވެސް ހިމަނައިގެންނެވެ. އެބަހެއްގެ އަހުލުވެރިން ކަމުގައި ހިމެނޭ މީހުންގެ ތެރޭގައި އެންމެ ބޮޑަށް ބޭނުންކުރެވޭ ބަހަކީ ޗައިނާ ބަހެވެ. މެންޑަރިންއެވެ. އެބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު 1.3 ބިލިޔަނަށް އަރައެވެ. އެހެންވީމާ އިނގިރޭސި ބަސް ނަގާފައި ދެން އެންމެ ގިނަބަޔަކު ބޭނުންކުރާ ބަހަކީ މެންޑަރިންކަމަށް ބުނެވިދާނެއެވެ. އެކަމަކު އެއީ ދުނިޔޭގެ އިރުމަތީ ބިތުގެ ބަސްތަކަށް ފަރިތަނޫން މީހުންނަށް ދަސްކުރަން ފަސޭހަ ބަހެއް ނޫނެވެ. މޭރުންކޮށްގަތުން ފަސޭހަ ބަހެއްވެސް ނޫނެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި އެމެރިކާޔާއި ކެނެޑާޔާއި އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑުގެ އެއްވަނަ ބަހަކީ އިނގިރޭސި ބަހެވެ. އަޔަލެންޑާއި ސިންގަޕޫރުގައިވެސް އެއްވަނަ ބަހަކަށް ބަލަނީ އިނގިރޭސި ބަހެވެ. ކެރީބިއަންގެ ގިނަ ގައުމުތަކުގައިވެސް ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ޖެމެއިކާއާއި ބަހާމާސް ފަދަ ގައުމުތަކުގައެވެ. އެހެންވީމާ ދުނިޔޭގެ ވިޔަފާރީގެ އެއްވަނަ ބަހުގެ ގޮތުގައި އިނގިރޭސިބަސް ދަރަޖަ ކުރެވިފައިވެއެވެ. ކުރިން ދެންނެވި ގައުމުތަކުގެ އިތުރަށްވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ރަސްމީ ބަހެއްގެ ދަރަޖަ އިނގިރޭސި ބަހަށް ލިބިފައިވެއެވެ. އޭގެތެރޭގައި ބެލީޒާއި ގަޔާނާއާއި ބޮޓްސްވާނާޔާއި ޒިމްބާބުވޭއާއި އިންޑިޔާ ހިމެނެއެވެ. އަދިވެސް ކިތަންމެ ކިތަންމެ ގައުމެއްގައެވެ.

ބެލީޒަކީ މެދުތެރޭ އެމެރިކާގައިވާ ގައުމެކެވެ. އެސަރަހައްދުގައި އިނގިރޭސި ބަސް ރަސްމީ ބަހުގެ ގޮތުގައި ދަރަޖަ ކުރެވިފައިވާ ހަމައެކަނި ގައުމަކީ ބެލީޒެވެ. ދެން އެހެން ގައުމުތަކުގައި އެދަރަޖަ ދެވިފައި އޮންނަނީ ސްޕޭނު ބަހަށެވެ. މިސާލަކަށް މެކްސިކޯއާއި ހޮންޑިއުރަސްއާއި ނިކަރާގުއާއި ގުއަޓެމާލާ އަދި ޕެނަމާއެވެ. އެފްރިކާގެ ދެކުނު ބިތުން ބޮޓްސްވާނާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ރަސްމީ އެންމެހައި ލިޔުންތައް ލިޔަނީ އިނގިރޭސިބަހުންނެވެ. އެކަމަކު ސެޓްސްވާނާއޭ ކިޔުނު ސަރަހައްދީ ބަހަކަށްވެސް ރަސްމީ ހައިސިއްޔަތު އޮވެއެވެ. އެއީ ރަސްމީ ލިޔުންތައް ލިޔެއުޅޭ ބަހެއް ނޫނެވެ. ހަމައެކަނި ވާހަކަ ދެއްކުމުގައި ބޭނުން ކުރަނީއެވެ. ހަމަ އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޒިމްބާބުވޭގައިވެސް އިނގިރޭސި ބަހަށް ރަސްމީ ހައިސިއްޔަތު އޮވެއެވެ. އެ ހައިސިއްޔަތު އޮންނަ ސޯޅަ ބަހުގެ ތެރެއިންނެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން އިނގިރޭސި ބަސް ރަސްމީ ބަހުގެ ތެރޭގައި ހިމަނާފައިވާ ހަމައެކަނި ގައުމަކީ ގަޔާނާއެވެ. ގަޔާނާއަކީ 1966 ވަނަ އަހަރާ ހަމަޔަށް އިނގިރޭސި ކޮލޮނީއެކެވެ. ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސި ބަސް ކަމަށް ވިޔަސް އެގައުމުގެ ކުދިބޮޑު އެންމެން ފަރަންސޭސި ބަހާއި ސްޕޭނު ބަހުންވެސް ފަރިތަކަމާއެކު ވާހަކަ ދައްކައެވެ. އިންޑިޔާއަކީވެސް އިނގިރޭސި ބަހަށް ރަސްމީ ބަހުގެ ދަރަޖަ ދީފައި އޮންނަ ގައުމެކެވެ. އެދަރަޖަ އޮންނަނީ ދެން ހިންދީ ބަހަށެވެ. މި ދެބަހުގެ އިތުރަށްވެސް އެހެން ބާވީސް ބަހަކަށް ރަސްމީ ދެނެގަތުން އޮވެއެވެ. އޭގެތެރޭގައި ޕަންޖާބީ، މަރާޓީ، ބަންގާޅީ، އަދި އުރުދޫ ހިމެނެއެވެ. ތަފާތު ސްޓޭޓްތަކުގައި އެ ސްޓޭޓެއްގެ ބަސް ނަގާފައި ދެން އެންމެ އިސްކަންދޭ ބަހަކަށް ހަދާފައިވަނީ އިނގިރޭސިއެވެ.

އާއްމު ގޮތެއްގައި އިނގިރޭސި ބަހުން ވާހަކަ ދައްކައި އުޅޭ ގައުމުތަކުގެ ތެރެއިން އެންމެ ބައިބޯ ގައުމަކީ އެމެރިކާއެވެ. ދުނިޔޭގައި އިނގިރޭސި ބަސް މިހާރު އާއްމު ވުމުގެ މައިގަނޑު ސިއްރަކީވެސް އެމެރިކާއެވެ. އެމެރިކާގެ ނުފޫޒެވެ. އެކަމަކު އެމެރިކާގައި އެއްވެސް ބަހަކީ ގާނޫނީގޮތުން ރަސްމީ ބަހެއްގެ ދަރަޖަ ދެވިފައި އޮންނަ ބަހެއް ނޫނެވެ. އިނގިރޭސި ބަސް ވެސް ހިމެނޭ ގޮތުންނެވެ. އެމެރިކާގެ މަރުކަޒީ ސަރުކާރަށް ރަސްމީ ބަހެއް ނޯވެއެވެ. އެކަމަކު މުވާސަލާތު ކުރުން އޮންނަނީ އިނގިރޭސި ބަހުންނެވެ. އެމެރިކާގެ ފަންސާސް ސްޓޭޓްގެ ތެރެއިން 32 ސްޓޭޓެއްގައި އިނގިރޭސި ބަހަށް ރަސްމީ ދަރަޖަ އޮވެއެވެ. ހަވާއީގައި ރަސްމީ އެއްބަހަކީ އެމީހުންގެ ސަރަހައްދީ ބަހެވެ. އެލަސްކާގައި ސަރަހައްދީ ވިހި ބަހަކަށް ރަސްމީ ހައިސިއްޔަތު ލިބިދީފައިވެއެވެ.