މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މިނީ ބަހުގެ ޓިކެޓު އަގަކީ ހަތް ރުފިޔާ ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދުކުރި ޓުވީޓް ވީޑިއޯއެއްގައި ވަނީ މިނީ ބަހުގެ ހިދުމަތާ ގުޅޭ މައުލޫމާތު އާންމުކޮށްފައެވެ. އެ މައުލޫމާތުތަކުގައިވާ ގޮތުން މާލޭގައި ދުއްވުމަށް ހަމަޖެހިފައިވަނީ 12 މިނީ ބަހެވެ. އަދި ބަހުގައި އަބަދު ވެސް 20 ޖާގަ ފުރޮޅުލީ ގޮނޑިއަށް ހާއްސަކޮށްފައިވާނެއެވެ. މިނީ ބަސް އޭސީ ކޮށްފައި ހުންނައިރު، ކޮންމެ 10 މިނިޓަކުން ކޮންމެ ބަސް ސްޓޮޕަކަށް މިނީ ބަސް އަންނާނެއެވެ.
މިނީ ބަހުން ހިލޭ ދަތުރުކުރެވޭނެ ފަރާތްތަކަކީ ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ސްކޫލް ކުދިން ސްކޫލް ޔުނިފޯމުގައި ކުރާ ދަތުރުތައް ކަމަށް ސަރުކާރުން ބުންޏެވެ.
އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު މިނީ ބަހުގެ ޓެސްޓު ބުރުތަކެއް ފަށައިފައެވެ. މިނީ ބަހުގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން އާންމުންނާ އެކު ދެ ހަފުތާގެ ޓެސްޓު ބުރެއް ކުރިއަށްގެންދަން އެމްޓީސީސީން ވަނީ ނިންމައިފައެވެ.
މިނީ ބަހުގެ ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހެއް އަދި އެމްޓީސީސީން ހާމައެއް ނުކުރެއެވެ. މިނީ ބަހުގެ ހިދުމަތް ފެށުމަށް ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާކުރުމާއި ބަސް ހުއްޓިތައް ކަނޑައެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކޮށްފައެވެ.
މިނީ ބަސް ދަތުރުކުރާނެ މަގުތަކަކީ މަޖީދީ މަގު، އަމީނީ މަގު، އޯކިޑު މަގު، ބޮޑުތަކުރުފާނު މަގުއެވެ. އެއިން ކޮންމެ މަގެއްގައި 18 ބަސް ސްޓޮޕް ހުންނާނެއެވެ.
ވެސްޓު ޕާކު
މާފަންނު މަދަރުސާ
މާފަންނު ސަހަރާ
ފިނި ޕާކު
ލަގްޒަރީ ފިހާރަ
ސިޓީ ސްކޮޔާ
ބިއްލޫރިޖެހިގެ
ހީނާމާގެ
ހެންވޭރު ދަނޑު
ހެންވޭރު ފުޓްސަލް ގްރައުންޑު
ކާނިވަލް
ހުޅުމާލޭ ފެރީ ޓާމިނަލް
މަސްވެރިންގެ ޕާކު
ފަސް ނަންބަރު ޖެޓީ
ޖުމްހޫރީ މައިދާން
ޖަސްޓިސް ބިލްޑިން
އުފަންވެލި
ސަންފްރަންޓް ލައިޓް ފިހާރަ
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސްތައް ފޮނުވައިފައެވެ.
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ދަނީ ހައި ސްޕީޑު ފެރީގެ ހިދުމަތް ވެސް ދެމުންނެވެ.