ޚަބަރު

ދ. މީދޫ ބަނދަރު މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް އެމްޓީސީސީން ނިންމާލައިފިއެވެ.

މީދޫ ބަނދަރު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ އެ ރަށު އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 78 ޕަސެންޓް މަސައްކަތާއި މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށިލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މީދު ބަނދަރުގެ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 408 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 34.07 މިލިއަން ރުފިޔާއަށެވެ.