ކުށްތައް އިތުރުވަމުންދާ ކަމުގެ އިހުސާސަކީ މުޖުތަމައުގެ ކުރިއެރުމަށްވެސް އޮތް ބިރެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ، އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ، ހަލާކުވެ ފަނާވުމުގެ މުޖުތަމައެއްކަމުގައި ވެގެންދާ ކަމަށެވެ.
ކުށްތައް އިތުރުވުމަކީ މުޖުތަމައުގެ ކުރިއެރުމަށް އޮތް ބިރެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުށްތައް މަދުކުރެވޭނީ، އަމަންއަމާންކަން ބަލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކާއި ގައުމުގެ ވެރިންނާއި ރައްޔިތުން އެއްގަލަކަށް އަރައިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
"މި ތިންބައި މީހުން އެކުގައި މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެން މި ބޭނުންވާ އަމާން މުޖުތަމައެއް އަޅުގަނޑުމެންނަށް ނުހޯދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ޖަލްސާގައި ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރާއި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައެވެ.
ފުލުހުންގެ ހިދުމަތުގައި މިހާރު ތިބި ދުވަސްވީ ބޭފުޅުން ރިޓަޔާ ކުރައްވާއިރު ހިދުމަތުގެ ތެރޭގައި އިތުރަށް ރަނގަޅު ކުރުމަށް ފާހަގަވެފައިވާ ކަންކަން ކިޔައިދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވައިފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމުތައް ކުރިއަރައިދަނީ އެއް ޖީލަށް ވުރެ އަނެއް ޖީލުގައި ފޯރުކޮށްދޭ ހިދުމަތްތައް އެގޮތުގެ މަތިން ހަރުދަނާވުމުގެ މަގު ފަހިވެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު