ސަރުކާރުގެ ހިލޭ ޑިގްރާ ޕްރޮގްރާމްގެ ދަށުން 15،000 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުމުގައި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށެވެ.
"ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން 15،000 ދަރިވަރުން މިއަދު ނިޔަލަށް އެންރޯލްކޮށް ކިޔަވަމުންދާކަން އެނގުމުން ވަރަށް އުފާވޭ،" ރައީސް ވިދާޅުވިއެވެ.
ހިލޭ ޑިގްރީގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެއަހަރު 4،804 ދަރިވަރުން ވަނީ އެ ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކުރަން ފަށައިފައެވެ. 2020 ވަނަ އަހަރު 4،818 ދަރިވަން އަދި 2021 ވަނަ އަހަރު 3،301 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ވަނީ ތައުލީމު ހާސިލުކުރަން ފަށައިފައެވެ. މިއަހަރުގެ މިހާތަނަށް 2،077 ދަރިވަރުން ވަނީ ތައުލީމު ހާސިލުކުރަން ފަށައިފައެވެ.
ރައްޔިތުން މަޖިލިސް ހުޅުވުމަށް މިއަހަރު ބޭއްވި ޖަލްސާގައި ހިލޭ ޑިގްރީ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށާއި އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ ކަމަށެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.