ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް އިއުލާނުކޮށް، ބައިވެރިވާން ހުޅުވާލައިފި އެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި މުބާރާތަކީ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެހެން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިމުބާރާތަކީ ހުނަރުވެރި އަދި ގާބިލު އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެކުންފުނިން ބުންޏެވެ.

އެއް މިލިއަން ރުފިޔާގެ އަގުހުރި މި މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް “ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން”ގެ ކޮންސެޕްޓެއް އެކުލަވާލަންޖެހޭނެ އެވެ. މި ކޮމާޝަލް ސްޕައިން ވެގެންދާނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެކުލެވިގެންވާ ސަރަހައްދަކަށެވެ.

އެޗްޑީސީން ބުނީ މި މުބާރާތުގެ ކޮންސެޕްޓް މަރުހަލާގައި އެއްވަނައަށް ދާ ފަރާތަކަށް 200،000ރ ގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށެވެ. ދެވަނައަށް ދާ ފަރާތަކަށް 30،000ރ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ ގެ އިނާމެއް ލިބޭނެ ކަމަށް ބުންޏެވެ. މީގެ އިތުރުން މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންދާނެ ކަމަށާއި ޑީޓެއިލް ޑިޒައިން ފުރިހަމަ ކުރުމުން އެފަރާތަކަށް 750،000ރ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޮމްޕެޓިޝަން ވެބްސައިޓް މެދުވެރިކޮށް /https://design.hdc.com.mv ރަޖިސްޓްރީ ކުރެވޭނެއެވެ.

ބައިވެރިވާ ކޮންމެ ފަރާތެއްގެ ނަމުގައި ހުށަހެޅޭނީ އެންމެ ކޮންސެޕްޓެކެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12ސެޕްޓެމްބަރު 2022ވާ ހޯމަދުވަހެވެ. އެޗްޑީސީން ބުނީ ރަޖިސްޓްރީވާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތާގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.