ރާއްޖޭގައި ހިންގާ އެކި އެކި މަޝްރޫއުތައް ހިންގާއިރު މޫސުމަށް އަންނަ ބަދަލުތައް ހަނދާންކޮށް އެކަމާ ވިސްނަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ރާއްޖެ އަށް ވާރޭ ވެހުނު މިންވަރާއި އަޅާބަލާއިރު މިއަހަރު ވާރޭ ވެހުނު މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މި ޓްވީޓާ އެކު ނަޝީދުވަނީ މިިދިޔަ އަހަރާއި މި އަހަރު ރާއްޖެއަށް ވާރޭ ވެހުނު މިންވަރު ދައްކުވައިދޭ ޗާޓެއް ހިއްސާކޮށްފައެވެ.
މިޗާޓުން ދައްްކުވައިދޭ ގޮތުން މިމަހުގެ މިހާތަނަށް ހުޅުލެއަށް ގާތްގަނޑަކަށް 240 މިލިލީޓަރުގެ ވާރޭ ވެހުނެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ހުޅުލެއަށް ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގާތްގަނޑަކަށް 160 މިލިލީޓަރުގެ ވާރޭ އެވެ. ހުޅުލެއަށް މިއަހަރު އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ މިދިޔަ ޖުލައި މަސް ތެރޭގައެވެ. މި އަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 380 މިލިލީޓަރުގެ ވާރޭ ވެހުނު އިރު މިދިޔަ އަހަރު ޖުލައި ރެކޯޑު ކުރެވިފައިވަނީ ގާތްގަނޑަކަށް 120 މިލިލީޓަރުގެ ވާރޭ އެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގެ މޫސަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއެއްވެސް ރާވާ ހިންގާއިރު އެކަން ހަދާންކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު މީގެ ދެހަފްތާ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެން ތިލަމާލެ ބުރިޖު އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެެއް ވިލިމާލެ ފަރުމައްޗަށް އަރައި އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު