ގާނޫނުގައި މަނާ ކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ލައިސަންސަކާ ނުލައި ލިބިގަތުމާއި ގެންގުޅުމާއި ބެހެއްޓުން އަދި އުފައްދާ ފަރާތްތައް 500،000 ރުފިޔާއިން ފެށިގެން 1،000،000 އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ބިލު އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވައިފައެވެ.

މި ބިލުގައި މަނާ ކެމިކަލް ގެންގުޅޭ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާކުރުމުގެ އިތުރުން ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރުވެސް ދީފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ކުށެއް ކަމަށެވެ. އަދި މި ބިލު ފާސްވެއްޖެ ނަމަ، ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ހާއްސަ ޔުނިޓެއް އުފައްދަންޖެހޭނެއެވެ.

ބިލުގައިވާ ގޮތުން ގާނޫނުގެ ދަށުން ދޫކުރަންޖެހޭ ލައިސަންސާ ރަޖިސްޓްރޭޝަންތައް ދޫކުރާނީ އެ ޔުނިޓުންނެވެ. އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމާއެކު ބޭރުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަންޖެހޭނެއެވެ.