ދުވާރުމަތީގައްޔާއި މަގުތަކުގައި ކުނި ޖަމާކޮށްގެން ނުނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މާލެސިޓީ ފުރަބަންދު ކުރި ދުވަސްވަރު ކުނި މެނޭޖުކުރުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކުނި މެނޭޖުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އެއްތަނަކަށް ކުނި ޖަމާކޮށްގެން ނެގުމުގެ ހުއްދަ އެ އެޖެންސީން ދިން ކަމަށެވެ.

އީޕީއޭ އިން ބުނީ ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުންވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ބޭނުންކުރަމުންދާ ކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކުނި މެނޭޖުކުރާ ފަރާތްތަކުން ވެސް އެގޮތަށް އަމަލުނުކުރުމަށް އީޕީއޭ އިން އެދިފައިވެ އެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތު ނެތި ގޮސްފައިވާތީ އާއި ކުނި މެނޭޖުކުރާ ފަރާތްތަކުން އިމާރާތްތަކުގެ ދޮރުމަތިން ކުނި ނަގަން މިހާރު ފަށާފައިވާތީ އެއްވެސް ފަރާތަކުން މަގުމައްޗާއި ދުވާރު މައްޗަށް ކުނި ނޭޅުމަށްވެސް އީޕީއޭ ވަނީ އެދިފައެވެ.

އީޕީއޭއިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރުމއްޗަށް ކުނި ޖަމާނުކުރުމަށާއި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގައިވާގޮތަށް މެނޭޖުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.