ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެކަންކަން ދެނެގަތުމަށް ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ކޮމެޓީން ކުރި ދިރާސާއާ ގުޅިގެން އެކުލަވައިލެއްވި ރިޕޯޓުގައި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފިހުން ބުންޏެވެ.

އެ ރިކޮމެންޑޭޝަންތައް ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓުތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހިކުރުވާ ކަންކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުން ހިމެނެއެވެ.

ސަބް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އެ އިދާރާތަކަށް އެންގުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް މިއަދު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

  • އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
  • ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
  • ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
  • ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށްދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މީހުންގެ މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 25 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހް ފަޒްލޫން މުހައްމަދު އަދި ޝެއިހް އާދަމް ނިޝާން ހިމެނެއެވެ. ދޫކޮށްލި ބައެއް މީހުންގެ މައްސަލަ ހައި ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ޓެރަރިޒަމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.