ލުއި ޚަބަރު

އެންމެ ގިނައިން ލޮނުމެދު އުފައްދަނީ ކޮންބައެއްކަން އެނގޭތަ؟

ލޮނުމެދަކީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް މަގްބޫލު އެއްޗެކެވެ. ކާނާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރަށް އެއީ ބޭހަށްވެސް ބޭނުންކުރާ އެއްޗެކެވެ.

އދ.ގެ ކާނާޔާއި ދަނޑުވެރިކަމާބެހޭ އިދާރާ ނުވަތަ އެފްއޭއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އަހަރަކު އުފައްދަނީ 28.054 މިލިޔަން މެޓްރިކްޓަނެވެ. މީގެތެރެއިން 74 އިންސައްތަ އުފައްދަނީ އެންމެ ގައުމަކުންނެވެ. އެއީ ޗައިނާއެވެ. ޗައިނާގެ އުފެއްދުމުގެ މިންވަރަކީ އަހަރަކު 20.7 މިލިޔަން މެޓްރިކްޓަނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޗައިނާގެ އުފެއްދުން ކޮންމެ އަހަރަކުވެސް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު އިންޑިޔާވަނީ 2018 ވަނަ އަހަރުން ފެށިގެން އެގައުމުގެ އުފެއްދުން ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ކުރިން އަހަރަކު ދޮޅުމިލިޔަން މެޓްރިކްޓަން އުފައްދާ އިންޑިޔާއިން މިހާރު އަހަރަކު ގާތްގަޑަކަށް ތިން މިލިޔަން މެޓްރިކްޓަން އުފައްދައެވެ. އިންޑިޔާގެ އުފެއްދުމުގެ ބޮޑުބައި ބޭނުންކުރަނީވެސް އިންޑިޔާގައެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝްއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ލޮނުމެދު ނެރޭ ތިންވަނަ ގައުމެވެ. ބަންގްލަދޭޝްގެ މިންވަރަކީ އަހަރަކު ގާތްގަޑަކަށް ފަސްލައްކަ މެޓްރިކްޓަނެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ގައުމަކީ އަހަރަކު ހަތަރު ލައްކަ މެޓްރިކްޓަނު އުފައްދާ މިސްރެވެ. ޔޫރަޕުން އެއްވަނަ ލިބެނީ އަހަރަކު ދެލައްކަބައި މެޓްރިކްޓަން ހިއްސާކުރާ ސްޕޭނެވެ. ދެކުނު އެމެރިކާއިން ބްރެޒިލްގެ މިންވަރަކީ އަހަރަކު ދޮޅުލައްކަ މެޓްރިކްޓަނެވެ.