ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަގުވާމީ ޓީމަކާއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ރާއްޖޭގެ ފުން ކަނޑުތައް ދިރާސާކުރަން ނިންމައިފިއެވެ.

ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަގްވާމީ ޓީމާއެކު ރާއްޖޭގެ ފުން ކަނޑުތައް ދިރާސާކުރުމަށް ހަމަޖެހިފައިވާ ނެކްޓަން މިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވާނެއެވެ.

މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓީމް ލީޑް ކުރާނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާއާއެކު، ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓެންޓެއް ކަމުގައިވާ ފަރާހް އަމްޖަދު ވަނީ މި މިޝަންގެ ފުރަތަމަ ބައިވެރިންގެ ގޮތުގައި ހަމަޖައްސައިފައެވެ. ޝާފިޔާ އަދި ފަރާހާއެކު ފުރަތަމަ ޑިސެންޓުގައި ދެން ބައިވެރިވާނީ ސަބްމާސިބަލްގެ ޕައިލަޓް ކީމްލީޑޯއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާ މި މިޝަންގައި ރާއްޖޭގެ ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން 1،000 މީޓަރު އަޑިއަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.

މި މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"މި ސަބްމާސިބަލް ޑައިވްތަކުގެ ބޭނުމަކީ ކަނޑުގައިވާ ދިރުންތަކާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދުން. މި މައުލޫމާތުގެ އަލީގައި މިވެއްޓާއި އޭގައިވާ ދިރުންތައް ފުރިހަމަ ގޮތުގައި ހިމާޔަތްކުރަން ކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ. އަޅުގަނޑުމެންގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 19 ވައްތަރުގެ މަޑި ފުޑްޗެއިންގެ އެންމެ މަތީގައި އެބައުޅޭ. މި މިޝަންއާއެކު ފުރަތަމަ ފަހަރަށް ފުނުގައި މި ދިރުންތައް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެ. މިއީ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހޯދިގެންދާނެ ވަރަށް މުހިންމު މައުލޫމާތެއް" ކަނޑުގައިވާ ދިރުންތަކާބެހޭ ގޮތުން ދިރާސާކުރާ ޝާފިޔާ ނައީމް ވިދާޅުވިއެވެ.

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރު ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. މީގެ އިތުރުންވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާ ގޮތް ދިރާސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

"ބޭރު ފެންނަ ގޮތަށް ހަދާފައިވާ ސަޕްމާސިބަލްގެ ޕްރެޝަރު ސްޕިއާއިން ކަނޑުގެ ދިރުންތައް އޮބްޒާވްކުރަން ވަރަށް ފަސޭހަވާނެ. ފުރިހަމަ އޮބްޒަވޭޝަން ކުރެވުމަކީ ސައިންޓިފިކް ދިރާސާއެއްގެ އެންމެ މުހިންމު އެއް އަސާސް،" ފަރުތައް ރިހެބިލިޓޭޓް ކުރުމާއި ފުން ކަނޑުގެ ބަޔޯޑައިވަސިޓީގެ ދާއިރާއިން ދިރާސާކުރާ ފަރާހް އަމްޖަދު ވިދާޅުވިއެވެ.

އެ ދިރާސާގެ ޓީމުގައި އުޅުއްވާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލޫސީ ވުޑާލް ވިދާޅުވި ގޮތުގައި އެ މަސައްކަތް އެންމެ ހާއްސަވާ ސަބަބަކަށް ވާނީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1،000 މީޓަރު އަޑި އަށް ފީނައި، އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރެވިގެން ދިއުން ކަމަށެވެ.

ދުނިޔޭގައި 1،000 މީޓަރަށްވުރެ އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ. ރާއްޖޭގެ ކަނޑުތަކުގައި މިގޮތަށް ހުންނަ 34 ފަރުބަދަ ހުރެއެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.

މި މިޝަންއާއެކު ރާއްޖޭގެ އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރާނެއެވެ. މި މިޝަންގައި ޖުމުލަ 40 ޕާޓްނަރުން ބައިވެރިވެ އެވެ. އެއީ ދިވެހި 16 ޕާޓްނަރުންނާއި، ބައިނަލްއަގްވާމީ 24 ޕާޓްނަރެކެވެ.