އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ބޯންމައުތްގެ ކޯޗުކަމުގެ މަގާމުން ސްކޮޓް ޕާކާ ވަކިކޮށްފިއެވެ.
ބޯންމައުތުން މެދުކެނޑުމަކަށްފަހު އަލުން ލީގަށް ޕްރޮމޯޓްވީ މި ސީޒަނަށެވެ. ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމުގެ ގޮތުގައި ބޯންމައުތުން ލީގަށް ޕްރޮމޯޓްވެފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް ކްލަބުގެ ކޯޗުކަމުގައި ހުރީ ޕާކާއެވެ. ޕްރިމިއާ ލީގުގެ މި ސީޒަނުގައި ޕާކާގެ އިރުޝާދުގެ ދަށުން ބޯންމައުތުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވި ނަމަވެސް ދެން ކުރިމަތިލާން ޖެހުނީ ބޮޑެތި ބަލިތަކާއެވެ.
ހާއްސަކޮށް އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ބޯންމައުތް ވަނީ ރެކޯޑު ބޮޑު ބައްޔަކުން ބަލިވެފައެވެ. އެ މެޗުގައި ބޯންމައުތްގެ ކޮޅަށް ލިވަޕޫލުން ނުވަ ގޯލު ޖެހިއެވެ.
އުމުރުން 41 އަހަރުގެ ޕާކާ މަގާމުން ވަކިކުރިކަން އިއުލާން ކުރަމުން ކްލަބުގެ ވެރިޔާ މެކްސިމް ޑެނިމް ވިދާޅުވީ ޕާކާ ވަކިކުރީ ކްލަބުގެ ކުރިމަގަށް ވިސްނައި، ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތެއް ފެށުމުގެ ގޮތުން ކަމަށެވެ. އަދި ވަކި މީހަކަށްވުރެ އަބަދުވެސް ކްލަބުގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށް ވިދާޅުވިއެވެ.
ބޯންމައުތުން އާ ކޯޗަކަށް މަސައްކަތް ކުރަމުންދާ އިރު، މިވަގުތު ޓީމާ ހަވާލުވެހުރީ ގެރީ އޯނީލްއެވެ.
ޕާކާއަކީ ޕްރިމިއާ ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ލީގު ލެޖެންޑެކެވެ. ފުލްހަމްގެ އިތުރުންވެސް ގިނަ ކްލަބުތަކަކަށް ކުޅެފައިވާ ޕާކާގެ ކޯޗިން ކެރިއަރުގައި އަދި މިހާތަނަށް އެންމެ އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު