މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދާ މީހާ "އެލް މޯބައިލް" ފިހާރައެއްގެ ތެރޭގައި ހުންނަ ވީޑިއޯއެއް ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.

ވީޑިއޯ އާއްމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަކަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެެއް ކަމަށެވެ.

https://www.youtube.com/watch?v=ewL1Zd75kos

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ ގިނަވެފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައި، ފައިސާ ހޯދަމުން އަންނަ މައްސަލަ ފާހަގަކޮށްލެވެއެވެ.

އެޗްޑީސީގެ ނަމުގައި ގިނައިން ގުޅަމުންދަނީ ފުލެޓު ގަތުމުގެ ފުރުސަތު އޮތް ކަމަށްބުނެ ފައިސާ ހޯދާ މައްސަލައެވެ. އެގޮތަށް ފައިސާ ފޮނުވަން އަންގަނީ އެ ހީލަތުގައި އުޅޭ މީހާ ނޫން ނުވެސް ދަންނަ އެހެން މީހެއްގެ އެކައުންޓަށެވެ. އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރާ ކަމަށާއި އެ ފައިސާ ނަގައިދިނުމަށް އެމީހުން އެދެއެވެ. ދަންނަ މީހެއް ކަމުގައިނުވިޔަސް، އެހީތެރިވުމުގެ ގޮތުން ޖަމާކުރި ފައިސާ، އެކައުންޓުން ނެގުމަށްފަހު އެމީހާއަށް ރައްދުކޮށްދެއެވެ. އެގޮތަށް ރައްދުކުރަނީ މަކަރާއި ހީލަތުން ހޯދާ ފައިސާކަމެއް އެމީހުންނަށް ނޭނގޭ އިރު، ފައިސާ ޓްރާންސްފާކުރި މީހާ މައްސަލަ ރިޕޯޓުކުރުމުން ބޭންކުން އެ ފައިސާ ޖަމާވި އެކައުންޓު ފުރީޒުކުރެއެވެ.