ދުނިޔެ

އަދުގެ ދުނިޔެ: އިމްރާން ޚާން ހައްޔަރުކުރަން ކެރޭތޯ ބަލަންތިބެމާ ބަހީއެވެ.

އިމާދު ލަތީފު

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލިފައެވެ. ޕާކިސްތާނުގެ ވެރިކަން މިހާރު ކުރަމުންދާ ކޯލިޝަނުގެ ވެރީންނާއި އިމްރާން ޚާނުގެ ކޯޅުންތައް ގޯހުން ގޯހަށް ބަދަލުވަމުން އަންނަނީ ދެން ކަންކަން ފުރޮޅިގެން ހިނގައިދާނޭ ނުރައްކާތެރި ހާލަތެއްގެ ބިރުވެރިކަން ރައްޔިތުންނަށް އިހުސާސްވާފަދަ ބާރުމިނެއްގައެވެ. އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުނީ ފުލުހުންނާއި ފަނޑިޔާރުގެޔަށް އޭނާ އިންޒާރު ދެއްވިކަމުގެ ތުހުމަތުގައެވެ. އިމްރާން އަދި ހުންނެވީ މިނިވަންކަންމަތީގައެވެ. އެހެންނަމަވެސް ކޮންމެ އިރަކުވެސް އޭނާ ހައްޔަރުކޮށްފާނޭ ކަމުގެ ބިރުވެރިކަން އެބައޮތެވެ. އިމްރާން ޚާންގެ މައްޗަށް އުފުލިފައިވާ ދައުވާއަކީ ގައުމީ ސަލާމަތުގެ ހައްގުގައި އުފުލިފައިވާ ދައުވާއަކަށްވުރެ ބޮޑަށް ސިޔާސީ ހަސަދައެއް ފިލުވައިލުމުގެ ދައުވާއެކެވެ. އެކަން ކަށަވަރެވެ.

ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކީ ޕާކިސްތާނުގައި ވަރަށްވެސް ފުޅާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޓެރަރިޒަމް ކަމަށް މާނަކުރެވެނީ ލަފުޒީގޮތުން ޓެރަރިޒަމްގެ މާނަ ކުރެވޭގޮތަށްވުރެ މާބޮޑަށްވެސް ފުޅާކޮށެވެ. މިއީ ވާދަވެރިންނާއި ހަތުރުން ދަންތުރައިގައި ޖެއްސުމަށްވެސް ބޭނުންކުރެވޭ ހަތިޔާރެކެވެ. އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިފައި މިވަނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ނުހަނު ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ފެންބޮޑުވުމުގެ ބޮޑުވެގެންވާ ކާރިސާއެއް ކުރިމަތިވެ އެތެރެޔާއި ބޭރުގެ އެހީތެރިކަން ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅުގައި ސިޔާސީ ހަސަދަވެރިކަން ކުރިއަށްނެރެ އިމްރާން ހައްޔަރުކޮށްފިނަމަ ލަފާކުރަންވެސް ނޭނގޭ ކަހަލަ ބިރުވެރި ކަންތައްތަކެއް ތަމްސީލުވެގެން ހިނގައިދާނެއެވެ.

ސިޔާސީ ވާދަވެރިންނާއި ހަތުރުން ހައްޔަރުކޮށް ޒާތްޒާތުގެ ދައުވާތައް ކުރުމަކީ ޕާކިސްތާނުގައި އައުކަމެއް ނޫނެވެ. އެއީ ޕާކިސްތާނުގެ ސިޔާސީ އާދަކާދައިގެ ތެރެއިން ކަމެކެވެ. މިހާރު އެއޮތީ ކޯލިޝަން ސަރުކާރެކެވެ. އިމްރާން ޚާނުގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި އެކި ކަހަލަ ދައުވާކުރެވި އެކި މުއްދަތުގެ ހުކުމް އިއްވުނު ކިތަންމެ ބަޔަކު މިސަރުކާރުގައި އެބަހިމެނެއެވެ. އެކަމަކު އޭރާއި މިހާރުގެ ހާލަތު ވަރަށް ތަފާތެވެ. ބޮޑުތަނުން ތަފާތެވެ. މިހާރު ޕާކިސްތާނު އެއޮތީ ގޮވަން ތައްޔާރުވެފައިވާ ބޮމެއްގެ މިސާލުގައެވެ. އެހެންވީމާ މަސްރަހު ފިނިކުރުމުގެ ބަދަލުގައި މަސްރަހު ހޫނުވާ ބީދަޔަކުން ކުރެވޭ ކަންކަމުގެ ނަތީޖާ ގޯސްވުމުގެ ބިރު ބޮޑީއެވެ. ލޭއޮހޮރުވުންތަކެއް ހިނގުމުގެ ބިރުވެރިކަންވެސް ބޮޑީއެވެ. ވަރުގަދަ ގަޑުބަޑުތަކެއް ފެށި ކަންކަން ބޮއްސުންލައިގެން ދިޔުމުގެ ނުރައްކާ ބޮޑީއެވެ.

އިމްރާން ޚާން ހައްޔަރު ކުރެވިދާނެއެވެ. ސަރިޔަތް ކުރެވިދާނެއެވެ. ޖަލަށްވެސް ލެވިދާނެއެވެ. އެކަމަކު އޭނާގެ މަގްބޫލުކަން ކަނޑުވައެއް ނުލެވޭނެއެވެ. އިމްރާން ޚާނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކުން އިތުރުވާން އޮތީ އޭނާގެ މަގްބޫލުކަމެވެ. މިއީ އައު ސަރުކާރަށް ސިޔާސީގޮތުން ވިސްނައިލާން މަޖްބޫރު ކަމެކެވެ. މިސަރުކާރު ވެރިކަމަށް އައީވެސް ބޭރުގެ ނުފޫޒާއި އެހީތެރިކަން ލިބިގެން ރައްޔިތުންގެ މަސްލަހަތަށް ފައިން އެރުމުގެ ނިޔަތެއްގައި ކަމަށް އިމްރާން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭނާ ހައްޔަރު ކުރުމަކީ މިވިދާޅުވުމުގެ ތެދުކަން އިތުރަށް ހާމަވެގެންދާނޭ ކަމެކެވެ. އެހެންވީމާ މިއީ ސަރުކާރަށް ފަރުޖެއްސެން އޮތް ކަމެއްވެސް ނޫނެވެ. އިމްރާނުގެ ސަޕޯޓަރުން އެތިބީ ނުހަނު ބޮޑަށް ހޫނުވެފައެވެ. ނުރައްކާތެރި ގަޑުބަޑެއް ފެށުމަށް ބޭނުންވަނީ މިހާރު ދާދިކުޑަ އަލިފާން ކަންޏެކެވެ.

އިމްރާން ޚާނާއި އޭނާގެ ތަހުރީކޭ އިންސާފު ޕާޓީގެ ސަރުކާރު ވައްޓައިލީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ސަރުކާރަށް އިތުބާރުނެތްކަމުގެ މައްސަލައެއް ޕާލެންޓަށް ހުށައަޅައިގެން ލައްކަ ގިނަ ދުވަހު ސިޔާސީ ޗަރުކޭހެއް ކުޅުމަށްފަހުގައެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ދެ ޕާރޓީކަމަށް ބެލެވޭ މުސްލިމް ލީގް ޕާރޓީއާއި ޕީޕަލްސް ޕާރޓީއަކީ އެއްވެސް ކަމެއްގައި ދުވަހަކުވެސް އެއްގަލަކަށް އަރައި އެކައްޗެއް ކިޔާފައިވާ ޕާރޓީތަކެއް ނޫނެވެ. އެކަމަކު އިމްރާނުގެ ސަރުކާރު ވައްޓާލައި އައު ކޯލިޝަނެއް އުފެއްދުމުގައި އެ ދެ ޕާރޓީ މިހާރު ފެންނަނީ އެއްގަލަކަށް އަރައިގެން ތިއްބައެވެ. ބޮޑުވަޒީރަކީ މުސްލިމް ލީގުގެ ޝަހުބާޒު ޝަރީފެވެ. ޚާރިޖީ ވަޒީރަކީ ޕީޕަލްސް ޕާރޓީގެ ބިލަވާލް ބުއްޓޫއެވެ. ދެބައި މީހުން އެކުވެރިކުރުވާ ހަމައެކަނި ބާރަކީ އިމްރާން ދެކެ ގަންނަ ބިރެއްގެ ބޮޑުކަމެވެ.

އިމްރާން ޚާންގެ ސަރުކާރު ވެއްޓުނަސް ރައްޔިތުންގެ ތެރޭގައި އޭނާގެ މަގްބޫލުކަން ކުޑައެއް ނުވެއެވެ. ވަނީ އިތުރެވެ. ޕާކިސްތާނުގެ ކުދި ބޮޑު ސަހަރުތަކުގައި ރައްޔިތުން ކޮށްފައިވާ މުޒާހަރާތަކުންވެސް އެކަން ފެނިއްޖެއެވެ. ޕާކިސްތާނުގެ ތާރީޚުގައިވެސް މިހާތަނަށް ފެނިފައިނުވާ ވަރުގެ ބޮޑެތި މުޒާހަރާތަކެއް އިމްރާނުގެ ހައްގުގައި ރައްޔިތުންވަނީ ކޮށްފައެވެ. ކަރާޗީއާއި ލާހޯރުގައެވެ. އިސްލާމްއާބާދާއި ރާވަލްޕިންޑީޔާއި ޕިޝާވަރުގައެވެ. އެތައް މިލިޔަން ބައެކެވެ. އެއް އަޑެކެވެ. އެއްގޮވުމެކެވެ. އެހެންވީމާ ޔަގީންވަނީ މިއަދު އައު އިންތިޚާބެއް ބޭއްވިޔަސް އިމްރާން ޚާން އަލުން ވެރިކަމަށް ވަޑައިގަންނަވާނޭ ކަމެވެ. މިއީ އޭނާގެ ހަތުރުން ނުހަނު ބިރުގަންނަ ކަމެކެވެ. ޓެރަރިޒަމްގެ ދައުވާ އުފުލީ އެހެންވެގެންނެވެ. ހައްޔަރުކުރިއްޔާ ކުރާނީވެސް އެހެންވެގެންނެވެ. ހައްޔަރުކުރަން ކެރޭތޯ ބަލަންތިބެމާ ބަހީއެވެ.