ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގައިގެން ދައުވާކުރި މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަ އަދަބު ލިބޭ ގާނޫނުންކަން އެނގިއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރާއެކު އިތުރު ތިން މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކޮށްފައިވެއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއް ރަހުމާނު ރަފީއުއެވެ.

އަލަމްގީރު ފިޔަވައި އެންމެން މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

މި މައްސަލައިގައި އަލަމްގީރަށް އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް އުފުލާފައިވެއެވެ.

އާއްމު ގޮތެއްގައި ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް، އެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރާއިރު ދައުވާ ކުރަނީ ކޮން ގާނޫނެއްގެ ދަށުން ކަމާއި، އެ ދައުވާ ސާބިތު ވެއްޖެނަމަ ލިބޭނީ ކޮން އަދަބުތަކެއްކަން ހާމަ ކުރެއެވެ. ނަމަވެސް އަލަމްގީރް މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ދައުވާ ކުރަނީ ކޮން ގާނޫނަކުންކަން ޕީޖީ އޮފީހުން ބުނެފައެއް ނުވެއެވެ. އެކަމާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

"ވަން" އަށް ކަށަަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެ ގާނޫނަކުން ދައުވާ ކުރެވެއެވެ. އެއީ ގާނޫނޫލްއުގޫބާތުގެ އިތުރުން ޖިންސީ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނެވެ.

ގާނޫނުލްއުގޫބާތުގައި އެއްޖިންސުން ގުޅުން ހިންގުން ހިމެނެނީ ހުއްދަ ނޫން ޖިންސީ ގުޅުން ހިމެނޭ ކުށްތަކުގެ ތެރޭގައެވެ. އެ ގާނޫނުގައި ކުށް ދަރަޖަކޮށްފައިވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި މީހުން، ނުވަތަ ކައިވެނި ނުކޮށް ތިބި މީހުންގެ މައްޗަށެވެ.

އެއްޖިންސުން ގުޅުން ހިންގި ކުށް ކުރީ، މީހަކާ އިނދެގެން ހުރެ ކަމަށްވާނަަމަ، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށް ކުރީ މީހަކާ ނީނދެ ހުރެ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާ އެކުގައި ކަމަށްވާނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި މީހަކާ ނީނދެ ހުރެ، ކައިވެންޏެއް މަތީގައި ނުވާ މީހަކާއެކު އެ ކުށްކުރި ކަމަށްވާނަމަ، ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ނަމަވެސް ޖިންސީ ކުށުގެ ގާނޫނުގައި އޮންނަ ގޮތުން މި އަދަބުތައް ބޮޑެވެ. އެ ގާނޫނުގައިވާގޮތުން، އެއްޖިންސުން ގުޅުން ހިންގީ ދެ މީހަކު ރުހުމުގައި ކަމަށްވާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މީހަކު އަނެކާގެ ނުރުހުމުގައި އެއް ޖިންސުން ގުޅުން ހިންގައިފި ނަމަ، އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.