އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ބަލި މީހުންނަށް ހާއްސަ އޮންކޮލޮޖީ ވޯޑެއް ގާއިމުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިއީ އަންނަ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބީއެެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ. މި މަޝްރޫއަށް ބީއެމްއެލުން 3.5 މިލިއަން ރުފިޔާ ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައިޖީއެމްއެޗުގައި އޮންކޮލޮޖީ ވޯޑެއް ގާއިމުކުރުމާ ގުޅޭ އެއްބަސްވުމުގައި ބީއެމްއެލްއާއި އައިޖީއެމްއެޗާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.
މިކަމާ ގުޅޭ ގޮތުން އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި ކަމަށާއި ބޭންކުގެ އުންމީދަކީ އޮންކޮލޮޖީ ވޯޑް މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ބަލި މީހުންނަށް ލިބިގެންދިއުން ކަމަށެވެ.
"މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމުކުރުމަށްޓަކައި ބީއެމްއެލުން ދޭ ދީލަތި އެހީއަށް ޝުކުރު އަދާކުރަމުން ސަލީމް ވިދާޅުވީ އެ އެހީގެ ސަބަބުން ބަލި މީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އަދި ކެންސަރު ބަލީގެ ފަރުވާ، އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް ކަމަށްވެސް ވިދާޅުވިއެވެ.
- ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
- ބީއެމްއެލް ފެހި ޕްރޮޖެކްޓް
- އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
- ސްމޯލް ގްރާންޓްސް
- ހައުސިން ގްރާންޓް
- ބީއެމްއެލް ސްޓާޓަޕް ގްރާންޓް
- ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ބީއެމްއެލް ސްކޮލާޝިޕް ފަންޑު
ޚަބަރު
ޚަބަރު
ޚަބަރު