ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށެވެ. އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ކުޑަވި ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް ވައިޓު އެލާޓު ނެރެފައިވާއިރު މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ލާމު އަތޮޅާއި ހަމަޔަށް ވައިޓްއެލާޓު ވަނީ ނެރެފައެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ އުދައިގެ އަސަރު ބައެއް ރަށްތަކަށް ކޮށްފާނެ ކަމަށާއި އެގޮތުން އެންމެ ބޮޑަށް އެ އަސަރު ކުރާނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.