ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމުއެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށެވެ.

އެ ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮތަސް، ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމުގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުންނަ ކަމަށާއި ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ.

ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާ މައިގަނޑު މައްސަލައާ ގުޅޭ ރަނގަޅު ފެންވަރުގެ އެއްވެސް ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ބަލައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައަޅައި އެ މުހިއްމު މައްސަލައަށް ރާއްޖޭގެ އިގުތިސޯދީ ފެންވަރުގައި އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވައިލައްވާ ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ދިނުމާ ގުޅޭ ގޮތުން ގަރާރެއް ހުށަހަޅާފައި މިވަނީ، އެފަދަ މައްސަލަތަކަށް އާސަންދަ ނުލިބޭކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައި ވަނިކޮށެވެ. އަދި އެއީ ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ވެސް ތިބޭން ޖެހޭ ހަރަދުވެސް ބޮޑު ކަމެއް ކަމަށް ވާތީއެވެ.