ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް އދ. މަހިބަދުއަށް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މަހިބަދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެއެވެ.

ދިރާގުން ބުނީ، މިއީ އެންމެ ހަލުވި ސްޕީޑާއެކު އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

އެގޮތުން މި އޮފާ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި މަހިބަދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށާއި އަލަށް އެ ހިދުމަތަށް އެޕްލައި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އެޗްޑީ ސްމާޓް ޓީވީއެއްވެސް ލިބޭނެ ކަމަށް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް އެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި 92 ރަށެއް ހިމެނެއެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އުފެއްދުންތެރިކަމާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.