ދެހާސް ނުވަވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ކޮރަޕްޝަންގެ ކުށްތަކުން އެކަނިވެސް 1.9 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިގެން ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވިދާޅުވީ، އޭސީސީން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މުހިންމުވަނީ އެ ސަބަބަށްޓަކައި ކަމަށާއި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އެސެޓް ރިކަވަރީގެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މިފަދަ ނިޒާމެއް ގާއިމުވެގެން ދިއުމަކީ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި "ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަން އޮންނަ ޝައުގު ކުޑަކޮށް، ނައްތާލަން އެޅޭނެ ހަރުދަނާ ފިޔަވަޅެއް. މިއީ ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމާއެކު، ކޮރަޕްޝަނާއި ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ ހޯދޭނެ ހަރުދަނާ ނިޒާމެއް ބޭނުންވާ ކަމަށާއި އުންމީދުކުރަނީ މި ފެށިގެންދާ މަސައްކަތުގެ ތެރެއިން މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވި، މި ނިޒާމު ގާއިމުކުރަން އެކްޝަން ޕްލޭނެއް އެކުލަވާލެވިގެން ދިއުމަށް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، ދުރު ނޫން މުސްތަގުބަލެއްގައި މި ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު