ޚަބަރު

މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް

އަލީ ޔާމިން

މި ދައުރު ނިމޭއިރު، ލަފާފުރުމުގެ ދަތިކަން ހައްލުނުވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ދެކުނީ އާބާދީ ކުޑަ ނަމަވެސް ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތަކެއް ހުންނާނެކަން ކަމަށެވެ. އެހެންކަމުން ފެނާއި ނަރުދަމާއާއި ސިއްހީ ހިދުމަތް ރަށާއި އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ގާއިމުކުރުމާއި ތައުލީމު ފޯރުކޮށްދިނުން ފަދަ އަސާސީ މުހިންމު ހިދުމަތްތައް ހުރިހާ ރަށަކަށްވެސް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރަށެއްގެ އުމްރާނީ ތަރައްގީއަށް ބަނދަރަކީ ކޮންމެހެން ލާޒިމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު، ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއެކު ޖުމުލަ 115 މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާ ކަމަށާއި އޭގެ ތެރެއިން 38 ރަށުގެ މަސައްކަތް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.