އެސެޓް ރިކަވަރީގެ ގައުމީ ނިޒާމަކީ، ކޮރަޕްޝަނުގެ ސަބަބުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯދައިދިނުމުގައި ނަތީޖާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ ކޮރަޕްޝަނުގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑުކަން ދިރާސާތަކުން ހާމަވާ ކަމަށެވެ. އެއީ ކޮންމެވެސް ރަށެއްގައި ސުކޫލެއް، ހޮސްޕިޓަލެއް، ނުވަތަ ބަނދަރެއް އެޅުމަށް ބޭނުންކުރެވިދާނެ ފަދަ ފައިސާގެ އަދަދުތަކެއް ކަމަށާއި، އެކަމުން އެނގިގެންދަނީ ކޮރަޕްޝަނުގެ ކުށުގެ ގެއްލުމުގެ މިންވަރު ބޮޑުކަން ކަމަށްވެސް ވިދާޅުވިއެވެ.

"ކޮރަޕްޝަނުގެ އަމަލުގެ ސަބަބުން ގެއްލިގެންދަނީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުމާއި ތަރައްގީ އޭގެން ހޯދައިދޭން ކަނޑައަޅާ ފައިސާކަމާ މެދު ޝައްކެއް ނެތް،" ޝާމިލް ވިދާޅުވިއެވެ.

ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށާއި، ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް މުއްސަސާތަކުގެ ކިބައިގައި ހުރި ކެރުންތެރިކަމާއި ގާބިލިއްޔަތުގެ ބޭނުންކޮށް، ގެއްލިގެންދާ ރައްޔިތުންގެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދޭން ކުރަންޖެހޭ މަސައްކަތް އިހުލާސްތެރިކަމާއެކު ކުރަންޖެހޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.

މިއަދު ހިތްނިޔަތް ހާލިސްކަމާއެކު އޮތީ ކޮރަޕްޝަނުގެ ނުބައި އަމަލުތަކުން ގެއްލިދާ ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތް ހަރުދަނާކޮށް، ނަތީޖާ ނެރެވޭ ނިޒާމަކަށް މި ނިޒާމު ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގައި ކާމިޔާބު ހޯދިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، އެއްގަލަކަށް އަރައި، ކުރާން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް އެކުލަވައިލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ދައުލަތަށް ވެއްދެމުގެ ނިޒާމު ހަރުދަނާކުރާ ވާހަކަ ދެކެވޭ އިރު، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި މިކަމަށް މަސައްކަތް ކުރެވޭނެ ޖާގަ އޮތް ކަމަށް ދެކޭ ކަމަށް ވިދާޅުވެ، ދުނިޔޭގެ އެހެން ގާއުމުތަކުގައި މިފަދަ ކަންކަން އޮންނަ ގޮތުގެ މައްޗަށް ކޮމިޝަންގެ ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގާއިމުކުރުމާ ގުޅޭ މަސައްކަތަށް އެކުލަވާލި ފަންނީ ކޮމެޓީގެ ދައުރު މިކަމުގައި އިންތިހާއަށް މުހިއްމުކަން ފާހަގަކުރައްވައި ކޮމިޓީގެ މަސައްކަތް އަވަސްކޮށް، އެދެވޭ ފަދަ ކުރިއެރުންތަކާއެކު ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް ޝާމިލު ވަނީ ބާރުއަޅުއްވައިފައެވެ.