މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރެވުމުން ފުލުހުން މައާފަށް އެދެފިއެވެ.
ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ މީހަކީ، އދ. ދަނގެތި/ ފެހިވިލާ، ޝަކްލުﷲ އަލީ (43އ) އެވެ.
އޭނާ ހޯދަން ފުލުހުން އިއުލާންކުރީ އިއްޔެއެވެ. ނަމަވެސް އެމީހާ މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ މަރުވެފައެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު