ސްޓެލްކޯއިން އއ. ތޮއްޑޫއާއި އެ އަތޮޅު ރަސްދޫ އަދި އުކުޅަހުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް އެއްބަސްވެ، ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ތިން ރަށުގެ ރަށު ކައުންސިލާއެކު ސްޓެލްކޯ އިން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

މި އެއްބަސްވުުމުގެ ދަށުން މި ތިން ރަށުގެ މަގުބައްތިއެއް ނުދިއްލިއްޖެ ނަމަ ނުވަތަ މަރާމާތެެއް ކުރަންޖެހޭ ނަމަ އެ މަސައްކަތް ކުރާނީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުންނެވެ. ރަށްރަށުގެ މަގުމަބައްތި މަރާމާތުކޮށް ބަލަހައްޓަމުން އަންނަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މި ތިން ރަށަށް މުހިންމު ދުވަހެއް ކަމަށާއި އެ ތިން ރަށުގެ މަގުބައްތި ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.

އަދި ކައިރި މުސްތަގުބަލެއްގައި އިތުރު ރަށްރަށަށްވެސް މި ހިދުމަތް ފުޅާކުރާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ އިންޖީނުގެ އެއް ހިންގާ ކޮންމެ ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ހަވާލުވާނެ ކަމަށް ވިދާޅުވިއެވެ.

"އަތޮޅު ކައުންސިލްގެ ރައީސަށް ދަންނަވާލަން ބޭނުންވޭ. ކައިރި މުސްތަގުބަލެއްގައި އއ.ގެ ބާކީ ރަށްރަށުގައިވެސް މި ހިދުމަތް ކުރިއަށް ގެންގޮސްދޭނަން. ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ އެހެން އަތޮޅުތަކުގެ ރަށްރަށަށްވެސް މި އަހަރުގެ ނިމުމުގެ ކުރިން ހަމަ މި ހިދުމަތް ފުޅާކޮށް ފޯރުކޮށްދޭން ފަށާނަން." ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގައި ތިބީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަމްރީން ލިބިފައިވާ މުވައްޒަފުންކަން ފާހަގަކުރައްވައި ޝަރީފް ވަނީ ތިން ރަށުގެ މަގުބައްތި ބެލެހެއްޓުމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ކުރިއަށް ގެންދުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އއ އަތޮޅުގެ ހުރިހާ ކައުންސިލަކާއި ބައްދަލުކޮށް، އެ ކުންފުނީގެ ފަރާތުން ހޯދަން ބޭނުންވާ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން އިތުރަށް އެދުނު ކަމަކީ އެ ރަށްރަށުގެ ކުނި މެނޭޖުކޮށްދިނުން ކަމަށާއި އެކަމަށްޓަކައި އެ ކުންފުނިން ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި މާފުށީގައި ފަށާފައިވާ ޕްރޮޖެކްޓުގެ ނަތީޖާގެ އަލީގައި އެކަންވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތެއް ދިނުމުގައި ވަކި ޕާޓީއަކަށް ވަކިކުލައަކަށް ބެލުމެއް ނޯންނާނެ ކަމަށާއި އެ ކުންފުނިން ހިދުމަތް ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ދެމުންދާ ހިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަތުމަށް އެދިވަޑައިގެންނެވިއެވެ.