ޚަބަރު

ކުރީ ސަރުކާރުން ވޭވަށަށް ހަރަދުކުރީ ދެ މިލިއަން، މި ސަރުކާރުން 100 މިލިއަން ރުފިޔާ ހަރަދުކޮށްފިން: ރައީސް

އަލީ ޔާމިން

މ. ވޭވަށުން އަލީ ޔާމީން --- ވަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ވޭވަށަށް ހަރަދުކޮށްފައިވަނީ އެންމެ ދެ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާތަނަށް މިރަށަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސް ސޯލިހު މިއަދު ވިދާޅުވީ، މެދުރާއްޖެތެރޭގެ ރަށްތަކަކީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ރަށްތަކެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުން ވަކި ދާއިރާއެއް ވަކި ރަށެއް ވަކި އަތޮޅެއް ބާކީއެއް ނުކުރާނެ. ވަކި ވިސްނުމެއްވެސް ބާކީއެއް ނުކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިރަށަކީ އަމިއްލަ ބްރޭންޑެއްގައި މަސްބަންދުކޮށް ރާއްޖެއިން ބޭރުކުރާ ރައްޔިތެއް އުޅޭ ރަށެއް ކަމަށާއި އާބާދީއާ އަޅައިބަލާއިރު މިރަށުގައި އިގްތިސޯދީ މަސައްކަތް ރަނގަޅު ކަމަށެވެ. އަދި ކުރީ ސަރުކާރުން މި ސަރުކާރަށް ވަރަށް ބޮޑަށް އިހުމާލުވިކަން ފާހަގަކުރެއްވިއެވެ.

"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިރަށަށް ހަރަދުކުރީ ދެ މިލިއަން ރުފިޔާ. ނަމަވެސް މި ސަރުކާރުން މިހާތަނަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފި" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމަށެވެ.