މ. ދިއްގަރުން އަލީ ޔާމީން --- ވަން އޮންލައިން

މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ހުރީ ނުވެކަމަށެވެ. އެގޮތުން އަސާސީ ގިނަ ކަންކަންވެސް ފުރިހަމަވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިރަށުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެންބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލުމަކީ މިރަށުގައި މަޝްރޫއުތައް ކުރިއަށްގެންދަން ފަސޭހަވިކަމެއް ކަމުގައެވެ. އަދި ހުރިހާ ބައެއްގެ ހިޔާލު ކަންކަމުގައި އެއްގޮތް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ، ހިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން" ރައީސް ވިދާޅުވިއެވެ.

މިރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ، މިރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ލާފައިވާ ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލައިފައެވެ. ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުން އަންނައިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކައި ނިމިފައެވެ. މިދެ މަޝްރޫއަކީ 121 މިލިއަން ރުފިޔާގެ ދެ މަޝްރޫއެވެ.