އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފުލްހަމްވެސް ބަލިކޮށް، އާސެނަލްއިން ސީޒަނުގެ ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި އާސެނަލްއިން މިރޭގެ މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް އާސެނަލް މޮޅުވެފައިވާ އިރު، ހަތަރު މެޗުން 12 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
މިރޭގެ މެޗު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއަށްވެސް ހާއްސައެވެ. ފުލްހަމްއާ ދެކޮޅަށް މިރޭ މޮޅުވި މެޗަކީ އާޓެޓާ އާސެނަލަށް އިރުޝާދު ދިން 100 ވަނަ މެޗެވެ. މި މަހުގައި އާސެނަލަށް ބާކީ އެންމެ މެޗެއް އޮތް އިރު، ދެން ހަފުތާއެއްގައި އެސްޓޮން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އާސެނަލްއިން މި މަހުގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވުމަށް ފުރުސަތު އެބައޮތެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް އާސެނަލްއިން ނުރައްކާ ކުރިއެވެ. ބުކަޔޯ ސަކާއާއި ގެބްރިއަލް މާޓިނޭލީ އަދި ކެޕްޓަން މާޓިން އޮޑެގާޑުގެ ހަމަލާތައް ނުރައްކާކޮށް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި ލީޑު ނެގީ ފުލްހަމްއިންނެވެ. މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގަށް އައިސް މިހާތަނަށް ރަނގަޅު ފޯމެއްގައި އޮތް ފުލްހަމްއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ އެލެކްސެންޑްރާ މިޓްރޮވިޗެވެ.
މިޓްރޮވިޗް މިރޭގެ މެޗުގައި ޖެހި ގޯލަކީ އޭނާ މިފަހަރުގެ ލީގުގައި ޖެހި ހަތަރުވަނަ ގޯލެވެ. އެ ގޯލަކީ އާސެނަލްގެ ޑިފެންޑަރު، ބްރެޒިލްގެ ގެބްރިއަލް އަތުން ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި މިޓްރޮވިޗް ޖެހި ގޯލެކެވެ.
އެ ގޯލާއެކު އާސެނަލް ފުރަތަމަ ފަހަރަށް ބަލިވާނެ ކަމަށް ބެލެވުނު ނަމަވެސް، އެޓީމުން މެޗުގެ ކޮންޓްރޯލް ހޯދައި، އެޓޭކަށް ޓީމުގެ ކުޅުން ބަދަލުކޮށްލިއެވެ. ކުރިއަށް ޖެހި ކުޅުނު އާސެނަލްއިން 64 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޮޑެގާޑުގެ ގޯލުންނެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އޮޑެގާޑު ފޮނުވާލި ހަމަލާ ގޯލަށް ވަނީ ފުލްހަމްގެ ޑިފެންޑަރު ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
އާސެނަލް މޮޅުވި ގޯލު 85 ވަނަ މިނެޓުގައި ޖަހައިދިނީ ފުލްހަމްގެ ގޯލަށް ގޯސް ހެދި އާސެނަލްގެ ޑިފެންޑަރު ގެބްރިއާލްއެވެ. މެޗުން އާސެނަލް މޮޅުކޮށްދިނުމުގައި ގޯލްކީޕަރު އޭރޮން ރެމްސްޑޭލް ކުރި މޮޅު ދެ ސޭވްއެއް ފާހަގަކުރެވިފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު