ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ ބަލިކޮށް، ބުރުން ފުރަތަމަ ޑިވިޝަންގެ އުންމީދުގައި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގެ އުންމީދު ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބުރުން ދަ ގްރާންޑޭ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ބުރު އޮތީ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް (ސަސް) އަތުން ބަލިވެފައެވެ. އަދި ދަ ގްރާންޑޭ އޮތީ ކުޅުނު ފުރަތަމަ މެޗުގައި ޓީނޭޖް ސްޕޯޓްސް ކްލަބު ކައިރީ އެއްވަރު ވެފައެވެ.

މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާ އިރު، އެއް ވަނައިގައި އޮތީ ސަސްއެވެ. އެއީ ހަތަރު ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ބުރު އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް ކްލަބު ޓީނޭޖަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ގްރާންޑޭ އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކުއެވެ.

މިފަހަރުގެ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރަމުންދަނީ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅުނު ދެޓީމާއި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔަ ދެ ޓީމެވެ. ލީގު އުސޫލުން މެޗުތައް ކުރިއަށްދާ އިރު، ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ކޮލިފިކޭޝަންގެ ފަހު މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. އެދުވަހު ހަވީރު ޓީނޭޖް އަތުން ބުރު މޮޅުވެއްޖެނަމަ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. ބުރާއި ޓީނޭޖް އެއްވަރުވެއްޖެނަމަ ޖެހޭނީ އެރޭ ސަސް އާއި ދަ ގްރާންޑޭ ކުޅޭ މެޗުގެ ނަތީޖާއަށް ބަލާށެވެ. ފުރަތަމަ ޑިވިޝަނުގައި އޮންނާނީ ކޮލިފިކޭޝަން ނިމޭއިރު އެއްވަނަ އާއި ދެވަނައިގައި ނިންމާ ޓީމުތަކެވެ.

މެޗުގެ ކުރީކޮޅުގައި ބުރުން ނުރައްކާ ކުރި އިރު، ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗާއި މިރްޖަލޯލް ކަސީމޯވްގެ ހަމަލާތައް މަތަކުރީ ދަ ގްރާންޑޭގެ ލުބުނާން ގޯލްކީޕަރު މުހައްމަދު ތަހާއެވެ. އަނެއްކޮޅުން ދަ ގްރާންޑޭގެ ހޫގޯ ނިކޮލަސް ރެޓަމާލް ޖެހި ބާރު ބޯޅައެއް މަތަކުރީ ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އެވެ.

ބުރުން ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބުރުގެ ލީޑު ނަގައިދިނީ ޖުމައިލް ޖަމީލް (ޖުމްބެ)އެވެ. ލީޑާއެކު ބުރުން ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ، މެޗުގެ 50 ވަނަ މިނެޓުގައި ހޫގޯ ޖެހި ގޯލުން ދަ ގްރާންޑޭ ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލާއެކު ދަ ގްރާންޑޭ މޮޅަކަށް މަސައްކަތް ކުރި ނަމަވެސް ބުރުގެ އެޓޭކް ލައިނަށް ގެނައި ބަދަލާއެކު އަނެއްކާވެސް އެޓީމުން ވަރުގަދަކުރިއެވެ.

ބުރުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 63 ވަނަ މިނެޓުގައި އަހުމަދު ވިސާމް (ޖެރާޑް) ޖެހި ގޯލަކުންނެވެ. މެޗު ނިމެން ދަނިކޮށް، 82 ވަނަ މިނެޓުގައި ބުރުން ވަނީ ތިންވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލު ޖެހީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަންއެވެ.