ޚަބަރު

މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު: ރައީސް

އަލީ ޔާމިން

މ. މަޑުއްވަރިން އަލީ ޔާމީން- ވަން އޮންލައިން

މ. މަޑުއްވަރީ ބަނދަރުގެ މަސައްކަތްތައް ކުރާނީ ރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިރަށަށް މިއަދު ވަޑައިގެން، މިރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ބަނދަރާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ބަނދަރުގައި ނިވާކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ދެ މޫސުމަށް އުދައެރުމާއި ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވާކަން ފާހަގަކޮށްފައިވެއެވެ.

މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވީ ނަމަވެސް، އެ މަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާ މެދު މިރަށުގެ ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުމުންނެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަޑުއްވަރީ ބަނދަރު ހެދޭނީ މިރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ. އަދި ބަނދަރާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަަމަށް ވިދާޅުވިއެވެ.

މިރަށުގެ ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބަނދަރުގެ މަޝްރޫއު ނިންމާފައި އެމްޓީސީސީން މަޑުއްވަރިން ފައިބައިގެންދާއިރު ރަށުގެ ކުނި ކޮށިވެސް ސާފުކޮށްދޭނެ ކަމަށެވެ.

މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 51 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 38،800 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް، 54،093 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރާނެއެވެ. އަދި 92،893 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 122 މީޓަރު ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މަޑުއްވަރީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނެއެވެ.