މިހާރު އެންމެ ހިތްފަސޭހަ، ފެހިކަން ގަދަ، ހިޔާދޭ މަގުތައް ގިނަ، އަދި ފިނިކޮށްލަން، ހިތްހަމަޖައްސާލަން ގަސްތަކުގެ ހިޔާ ހޯދަންވެސް ދެވޭނެ އެންމެ އެކަށީގެންވާ މާހައުލެއް އޮތީ ހުޅުމާލޭގައެވެ. ކޮންމެ ބަންދު ދުވަހަކު ހުޅުމާލެއަށް ދެވޭ ސަބަބަކީ މިއީއެވެ. ހާއްސަ ރޭތަކުގައާއި ދުވާލުގެ ހޫނު މެންދުރުތަކުގައި ފިނި އެއްޗެއް ނޫނީ ކޮފީ ބުއިމަށްވެސް ހުޅުމާލޭ ކޮންމެވެސް އެއްތަނެއް ހިޔާރު ކުރެވެނީ ފެހިކަން ގަދަވެފައި، ހިތަށް ލިބޭ ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. މަގުތަކުގެ ދެފަރާތުގައި ހައްދާފައިވާ ގަސްތަކުގެ ތެރޭގައި މޫނިގަހާއި ފިތުރޯނު އަދި އޮފިއެލޭ ފާހަގަކޮށްލެވެއެވެ. އެކަމަކު ހިޔާދޭ އެގަސްތަކަށްވުރެ ހާއްސަ ސަމާލުކަމެއް މިހާރު ދެވެނީ މަގުތަކުގެ ދެފަރާތުގައި ފައްޗަކަށް އެއްމިނެއްގައި ހެދި ފޯދި ވަކި އަޅާފައިވާ ބިޔަ ދަނބުގަސްތަކަށެވެ.
މިއީ ދަނބު މޫސުމަށްވުމުން ގަސްތައް ފުރިބަރާވެ، ދަނބުތައް ދޮންވެފައްކާވެގެން މަގުތައް މައްޗަށްވެސް އޮންނަނީ ފައިބައިފައެވެ. ދަނބުގަސްތަކާއި ދަނބު ފެނުމުން ސިކުނޑީގެ އެންމެ ފަހަތުގައި ފޮރުވިފައިވާ ޅަފަތުގެ ތަސްވީރުތައް އޮޅެމުން ނިއުޅެމުން ކުޑަ އިރުގެ އުފާވެރި ހަނދާންތަކުގެ ސިލްސިލާ ލޯމައްޗަށް ސިފަވެގެން ދެއެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ރަށުގެ ވަލުތެރޭގައި ކިރުއިލޮށި ހިފައިގެން ދޮންދޫނި ހިފަން ގާތްތިމާގެ ކުދިންނާއެކު ދުވެ ފުމެ ހަދާއިރު އެންމެ އުފާވާ ކަމަކަށް އޮންނާނީ ކާފަ ބިނދެދޭ ދަނބެވެ. "އަނބޮއްމަނޭ ދަނބޮއްމަނޭ" މިއީ އޭރު ދަސްވި ދިވެހި ރައިމްއެކެވެ. އޭރަކު ދަނބުން ގިރާނެ ފަންޏެއް ނޫނީ މިއަދު މިތައްޔާރުކޮށްލާ 'ޕްލަމްސްމޫތީ'އެއް ނޭނގެއެވެ. އަދި މިއީ ކޮން އާއިލާއެއްގެ ކޮން ފައިދާއެއް ހުންނަ އެއްޗެއް ކަމެއްވެސް ނޭނގެއެވެ، އެނގޭހާވެސް ވަރަކީ 'ދަނބަވައް" (ރަށުބަހުން) ކާން އަދި ދުލުގައި ކުލަ ޖެއްސުމުގައި ވާދަވެރިކަން ބޮޑު ފޯރިއެއް އޮންނަކަމެވެ.
އެހެންނަމަވެސް މިހާރު މިއީ ރަށުގެ ވަލުތެރޭގައި ހެދޭ ހަމަ އާދައިގެ މޭވާއެއް ނޫންކަން އެނގެއެވެ. ބެރީސް އާއިލާއަށް ނިސްބަތްވާ މޫސުމީ މިމޭވާއަކީ 'ޖާވާ ޕްލަމް'ގެ ނަމުން ނަން ދެވިފައިވާ މިމޭވާއަކީ ކުޑަ، މަޑު އޮށެއް އޮންނަ މަޑު ހުތްފޮނި ރަހައެއް ހުންނަ ކުޑަމޭވާއެކެވެ. ދޮންނުވާއިރު ފެހި ކުލައަކަށް ހުންނައިރު މުޅިން ދޮންވެ ފައްކާވުމުން ރަތުން ގަދަ ދަނބު ކުލައަކަށް ބަދަލުވެއެވެ. މިއީ ދޮންވެ ފައްކާވުމުން އޮށާ ވަކިކޮށްގެން ސްމޫތީ ތައްޔާރުކޮށްލުމަށް އެއްވަނައިގެ މޭވާއެކެވެ.
ހުޅުމާލޭ ފޭސް އެކަކުން ފޭސް ދެޔަކަށް ކުރާ ދަތުރުތަކުގައި ކޮންމެ ދުވަހަކު ކޮތަޅުތަކެއް ހިފައިގެން ތިބޭ މީހުން ފެންނައިރު ވަރަށް މަދުން ނޫނީ ދެން ފެންނަނީ ހައްތަހާވެސް ބިދޭސީންނެވެ.
ދަނބު، ނުވަތަ ޖާވާ ޕްލަމް އަކީ އިންޑިއާގައި ވަރަށް ގިނައިން ހައްދާ މޭވާއެކެވެ. އެހެންކަމުން ދަނބު ގަސް ރާއްޖެއަށް އައިސްފައިވަނީ އިންޑިއާ އިން ކަމަށްވުން އެކަށީގެންވެ އެވެ. އިހުގައި މީހުންނަށް ނޭނގި ކައި އުޅުުނުނަމަވެސް ދަނބަކީ އެއިން ދޭ މީރު ރަހައާ އެއްވަރަށް ސިއްހީ ގިނަ ފައިދާތަކެއް ވެސް އެކުލެވޭ މީރު މޭވާއެކެވެ. އެހެން ނަމަވެސް މިއީ ބިންނަން އުޅޭއިރު އަދި ކާން އުޅުމުގައިވެސް ވަރަށް ފަރުވާތެރިވާން ޖެހޭ މޭވާއެކެވެ. ސަބަބަކީ މީގެ ކުލައިން ހެދުމުގައި ލައް ޖެހޭނެތީއެވެ.
މި މޭވާގެ ދިޔައަކީ ބޭރަށްހިންގުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެއީ ފިނިކުރުމާއި ހަޖަމުކުރުމުގެ ސިފަތައް ހުރުމުގެ އިތުރުން ދަނބު އޮށަކީ ވެސް ބޭސްވެރިކަމުގެ ގޮތުން މަޝްހޫރު އެއްޗަކަށް ވާއިރު، މިއީ ހަކުރުބައްޔާއި، ބޭރަށްހިންގުން، ފަދަ ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. ދަނބު ކެއުމަށް މާ ހާއްސަ ތައްޔާރީތަކެއް ބޭނުން ނުވިޔަސް، ކެއުމުގެ ކުރިން ޗެކްކޮށްލަން ޖެހެއެވެ. އަމުދުން މިގޮތަށް ހުޅުމާލެއިން ގަންނަ ދަނބުކޮތަޅުގައި ހުންނަ ދަނބު ބަލައި ޗެކްކޮށް، ފަނި ހުރިތޯއާއި ވަނދުދަނބާއި ދޮންދަނބު ވަކިކުރުން އެންމެ ރަނގަޅެވެ. ހާއްސަކޮށް ދަނބު ބިނުމާއި ކެއުމުގެ ތެރޭގައި، ލައިގެން ހުންނަ ހެދުމުގައި ކުލަ ޖެހިދާނެކަމަށް ސަމާލުވާން ޖެހޭނެއެވެ.
ދަނބަކީ ހިތުގެ މައްސަލަތަކުން ދުރުކޮށްދިނުމަށްވެސް އެހީތެރިވެދޭ މޭވާއެކެވެ. ދަނބުގައި ހުންނަ ޑައިޓޭރިއަން ފައިބަރުތަކާއި އެންޓިއޮކްސިޑެންޓްތަކަކީ ކޮލެސްޓްރޯލްގެ މިންވަރު ރެގިއުލޭޓްކޮށް ޕްލެކް އުފެދުމަށް ހުރަސްއެޅުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ސްޓްރޯކް، ލޭމައްޗަށް ދިއުން، ހިތުގެ މައްސަލަތައް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މި މޭވާގައި ޕޮޓޭސިއަމް އެކުލެވިގެންވެއެވެ. ދަނބުގެ އިތުރު ފައިދާތަކުގެ ތެރޭގައި ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ކާޑިއޯ ހެލްތު ރަނގަޅުކޮށް ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށްދީ ދިފާއީ ނިޒާމު ވަރުގަދަކޮށް، އަދި ފުރަމޭ ރަނގަޅަށް މަސައްކަތްކުރުމަށްވެސް އެހީތެރިވެދެއެވެ.
ރަނގަޅަށް ހެދިފައްކާވެފައިވާ ދަނބެއްގެ 80 އިންސައްތައަށްވުރެ ގިނައީ ފެނެވެ. ދިވެހިރާއްޖެއަކީ ހޫނު ގަދަ ގައުމެއްކަމުން ފިނިކޮށްލަން ދަނބު ޖޫހާއި ސްމޫތީ ގިރައިގެން ބޭނުންކުރުމުން ވެސް އޭގެ ފައިދާ ބޮޑަށް ކުރާނެއެވެ. ފެން ގިނަވުމުގެ އިތުރަށް، ދަނބުގައި ޕޮސްފަރަސް، އަޔޮޑިން، މެގްނީޒިއަމް އަދި ޕޮޓޭސިއަމް މިނަރަލް މާއްދާތައް އެކުލެވެ އެވެ. މިއީ އަބަދު ހޫނުގައި އުޅޭއިރު ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނާއި މިނަރަލް މާއްދާތައް އަނބުރާ ހޯދުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. ދަނބުގައި ފައިބަރު މާއްދާ އެކުލެވޭތީ މިއީ މައިދާގެ ނިޒާމަށް ވެސް ފައިދާހުރި މޭވާއެކެވެ. ޒަމާނުއްސުރެ ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ދަނބު ބޭނުން ކުރާކަމަށް ވެއެވެ. މިގޮތަށް ފަރުވާ ދެވޭ ބަލިތަކުގެ ތެރޭގައި ހަކުރުބަލި، ހަމުގެ ބަލިތައް، ނޭވާހިއްލުން، ބަނޑުގައި ރިއްސުން ފަދަ ބަލިތައް ހިމެނެ އެވެ.
ހުޅުމާލޭ މަގުތައްމަތީގައި ދަނބުގެ ފޯރި އިންސާނުންނެކޭ އެއްގޮތަށް ވާތަކާއި ދޫނިސޫފާސޫފިވެސް ދަނީ ނަގަމުންނެވެ. ބައެއްމީހުން ދަނބު ބިނުމަށް ހާއްސަ ދަނޑިއެއް (ދިގު ދަނޑިއެއްގެ ކޮޅުގައި ހުންނަނީ ފުޅިއެއް ބުރިކޮށް ހަރުކޮށްފައި، އެފުޅިބުރިއަށް ދަނބުކޯނީގައި ޖައްސައި އަޅުވައިގެންފައި ދަމައިގަތުމުން އެެޔަށް ދަނބު ފައިބަން ފަށާ) ތައްޔާރުކޮށްގެން ދަނބު ބިންނަން ނުކުމެ އުޅޭއިރު އަނެއް ބަޔަކު ވަރަށް ފަރިތަކަމާއެކު ގަހު ކުރިއަށް އަރައި އެކި ދިމަދިމާލުން ދަނބު ބިނދެއެވެ. އަނެއް ބަޔަކު ސައިކަލުތަކުގެ މަޑިމައްޗަށް އަރައި ކޮރައިގެން ކަހަލަ ގޮތަކަށް، އަތްފޯރާ ފަށުގައި ހުންނަ ދަނބުގޮފިގަނޑުގައި ހިފައި ދަމައި ތިރިކޮށް، އޭގައި އަޅާފައި ހުންނަ ދަނބު ބިނދެއެވެ.
މި ފޯރިގަނޑުގައި ގިނައީ ބިދޭސީން ކަމަށްވެފައި، ނޫކުލައިގެ ކޮތަޅެއްގެ އެއްބަޔަށް ފުރާފައި 50 ރުފިޔާއަށް ކޮތަޅެއް ކަމަށް ވިއްކާއިރު ވަރަށް ގިނަ ފަހަރަށް ހުންނަނީ ވަނދު، ރޯ، ދޮންނުވާ ދަނބާއި، ފަނިއަޅައި ހަލާކުވެފައި ހުންނަ ދަނބެވެ. މަދު ފަހަރެއްގައި ރަނގަޅަށް ހޮވައި، ހެޔޮ ރީތިކޮށް ހުންނަ ދޮން ދަނބު އަޅާފައި ހުންނަ ކޮތަޅެއް ލިބުނަސް ގިނައިން ލިބެނީ ދޮން ނުވާ ޅަ ދަނބެވެ. މިގޮތަށް ގަސްތަކުގެ މައުލޫމާތު ހޯދަމުން ދަނިކޮށް ބަންގްލަދޭޝް މީހަކު އައިސް ދިއްކޮށްލީ ރަތްގޯންޏެއް ކަހަލަ އެއްޗެއްގެ މެދާ ހަމައަށް ހުރި ދަނބެވެ. ހަދިޔާއެއްހޭ އަހާލުމުން "މީ ވިއްކަނީ 200 ރުފިޔާއަށް ބޭގް އެއްކޮށް" ކަމަށް ބުނުމުން ކޮތަޅުގައި ހުރި ދަނބު ނަގައި ޗެކްކޮށްލުމުން ލިބުނީ ހަމަ ހައިރާންކަމެކެވެ. ކޮންމެ ފަހަރަކު މުށް ފުރެންދެން ނަގާ ދަނބު ތެރޭގައި ފަނިއަޅައި، ލޯވަޅުހެދިފައިވާ ދަނބެވެ. ދެން ހުރީ ދޮންނުވާ ރަތްކުލަ އަރާފައި އަދި ދަނބުކުލަ ނާރާ ކިހާ ރަހައެއް ހުންނަ ވަރުގެ ދަނބެވެ. އަވަހަށް އެމީހާއަށް ކޮތަޅު އަނބުރާ ދީފައި ސަލާމް ކޮށްލާފައި އެތަނުން ދިޔައީއެވެ.
ދެންދިމާވި މީހުންގެ ތެރޭގައި ދިވެއްސަކު ހުރުމުން އޭނާގެ އަތުގައި ހުރި ކޮތަޅުތައް ބެލިއިރު އެއީ ހަމަ ބަލައިގެން ހޮވާފައި ހުރި ދަނބުކަން އެނގެއެވެ.
"ކޯނި އޮތްގޮތަށް ބިންނައިރު ރޯވަނދު ދަނބުވެސް ހުންނާނެތާ، ދެން މިތަނަށް ފައިބައި އެތާ އެކަރުދާސްމަތީ އެއޮތް ރަބަރުގަނޑު މައްޗަށް އޮއްސާލައިގެން ހެޔޮ ދަނބު ހޮވަނީ، ފަންސާހަށް ދިނަސް އަދި ސަތޭކައަށް ދިނަސް ވިއްކަން ވާނީ ރަނގަޅު އެއްޗެއްތާ!" އެމީހާ އިޝާރާތް ކުރީ ދުރުގައި އޮތް ބޯފޮށިކަރުދާސްގަނޑަކަށާއި ރަބަރުގަނޑަކަށެވެ. އެމީހާ އާއެކުގައި ދެތިން ބިދޭސީއަކު ތިބިއިރު އެމީހުންވެސް މިމީހާ ކަންތައް ކުރާ ގޮތަށް ދަނބު ބިނދެގެން އައިސް ވިއްކުމަށް ރަނގަޅު ދަނބު ހޮވާކަމަށް އޭނާ ބުންޏެވެ. އެހެންވީމާ ރަނގަޅު ގޮތް ދަސްކޮށްގެން ވިއްކާ ބިދޭސީންވެސް މީގެ ތެރޭގައި އުޅޭނެއެވެ.
ކޮންމެޔަކަސް އިރެއްގައި މިއީ ކިހިނެއްވާ ކޮންއެއްޗެއްކަން ނޭނގުނަސް ވަރަށް ފޯރިއާއެކު ދަނބު ކައި އުޅުނު އެތައް ދިވެހިންނެއް ތިބޭނެއެވެ. މުޅި ހުޅުމާލެއަށް މިވަނީ ދަނބުއީދެއް އައިސްފައެވެ. އިރެއްގައި މަގުތަކަށް ހިޔާ ބޭނުންވެގެން އިންދި މިގަސްތަކުން މިއަދު މިލިބޭ ފައިދާ އަކީ އެއްވެސް މީހެއްގެ ހިތަށްވެސް އެރި ކަމެއް ނޫނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް