ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސް އިން ރާވައި އިންތިޒާމުކޮށްގެން މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި އެގްޒިބިޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި އެގްޒިބިޝަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި އެގްޒިބިޝަނަކީ ގިނަ ރިސޯޓު ހޮޓާ، ގެސްޓްހައުސް، ރެސްޓޯރަންޓު އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާނެ ހަރަކާތެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި 75 އަށްވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ 30 އަށްވުރެ ގިނަ ގައުމުގެ ޝެފުން ބައިވެރިވާނެއެވެ.

ދިރާގުން އިތުރަށް ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރަމުންދާ އިރު، ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުގައި އެކުންފުނި އަބަދުވެސް މަސައްކަތް ކުރާނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމުތަކާއި އިވެންޓުތަކަށް އެއްބާރުލުން ދިނުމުގައި ކަމަށެވެ.