ޚަބަރު

ރަތްމަންދޫއަށް ބަނދަރެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އަލީ ޔާމިން

މ. ރަތްމަންދުއަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެރަށުގައި ބަނދަރެއް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރަތްމަންދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އާބާދީ ބޮޑެތި ރަށްތަކާއި އާބާދީ ކުދި ރަށްތަކުގެ މެދުގައި ތަފާތުނުކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރަތްމަންދުއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރަތްމަންދުއަކީ މ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. އެ ރަށުގެ ރަޖިސްޓްރީގައި ތިބީ 233 މީހުންނެވެ. ނަމަވެސް ރަށުގައި އުޅޭ އާބާދީއަކީ 150 އެއްހާ މީހުންނެވެ. ރަތްމަންދުއަކީ މުލަކު އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ.

ރަތްމަންދޫ ބަނދަރާއި އެރަށުގެ ފުއްޓަރު ފަރާތުގައި އޮތް ނެރު ފުންކުރުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރަތްމަންދުއަކީ ބޮޑު ވިލެއް އޮތް ރަށަކަށްވެފައި އެރަށުގައި ބަނދަރެއް ހަދާނަމަ ބޭރުތޮއްޓެއް ލާންޖެހޭނެ ކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް އަވަހަށް ފެށިގެންދާނެކަމުގެ. އެކަމަކު އެކަމަށްވެސް ހޯދުންތައް ހޯދަން އެބަޖެހޭ. އެންމެ ރަނގަޅަށް މިކަން ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރަންޖެހޭ،" އަސްލަމް ވިދާޅުވިއެވެ.

ރަތްމަންދޫގައި މިހާރު އަޅާފައި އޮތީ ކޮންކްރީޓް ފާލަމެކެވެ. ރަށުގެ ރައްޔިތުން ބުނާ ގޮތުގައި މޫސުން ގޯސް ދުވަސްވަރެއްގައި އެރަށު ފަޅުތެރޭގައި އުޅަނދެއް ނުބޭއްވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަތްމަންދޫގެ ފެނުގެ މަޝްރޫއު އަންނަ ޑިސެމްބަރުގައި އަދި ނަރުދަމާގެ މަސައްކަތް އަންނަ މާޗު މަހު ނިމޭނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.