ޚަބަރު

ޕްލެޓްފޯމް ފުންކޮށްފި، ދަގަނޑުތައް ނަގައި ސާފުކުރުމަށްފަހު ސާވޭ ފަށާނަން: އީޕީއޭ

ރިފާ ހަލީލު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ފުންކޮށްފިއެވެ.

އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ޕްލެޓްފޯމް މީގެ ކުޑައިރުކޮޅެއް ކުރިން ފުންކޮށްފައިވާ ކަމަށެވެ. އަދި ފަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.

"ލިބިފައި ހުރި ގެއްލުން އެނގޭނީ ސާވޭ ކުރީމަ. މިހާރު އެތަނަށް އެޅިފަ ހުރި ދަގަނޑުތަކާ އެއްޗެހި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން. އެ މަސައްކަތް ނިމުނީމަ ސާވޭ ކުރަން ފަށާނީ،" އޭނާ ވިދާޅުވިއެވެ.

ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާމެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.