އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 09

އަބްދުﷲ ފާރޫގް ހަސަން

1

(19 އޯގަސްޓުގެ އަދަދާ ގުޅޭ)

އެދެމަޤްބަރާ ބަލަންކުރި ދަތުރު މިހައި ދިގުވީ ކާރުގެ ދުވެލީގެ މައްސަލައަކުން ނޫނެވެ. ކާރުގައި އެއްވެސް މައްސަލައެއްނެތެވެ. އާރޯތާނާ ކާރެކެވެ. ކާރުދުއްވީވެސް އެކަމަށް ފަރިތަކުއްޖެކެވެ. ދަތުރު ދިގުވީ އަޅުގަނޑަށް މާބޮޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސު އޮޔާލެވުމުގެ ސަބަބުންނެވެ. މީލާދީން ތޭރަވަނަ ސައްތައިގެ އެންމެ ފުރަތަމަކާލުގައި ޗަންގީޒުޚާންގެ އާފަތް ދުނިޔެއަށް ފައުޅުވެ އޭނާގެ އަނިޔާވެރިކަމާހުރެ ތުރުކިއޭއިންގެ ޤަބީލާތައް ވަޒަންދޫކޮށް އެތަންމިތަނަށް ހިޖްރަކުރާންފެށި ދުވަސްވަރުން ފެށިގެން عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާއާ ހަމަޔަށް ފޯރިލެއް ލަހެއްނޫންކަން ޤަބޫލުކުރެއްވުން އެދެމެވެ. އާދެ އެމަޤްބަރާހުރީ ބުރުސާގެ އުސްހިސާބެއްގައެވެ. "އެއްގޯއްޗެއް" ގެ ތެރޭގައި ވަކިވަކީންނެވެ. އެގޯއްޗަށް ކިޔާ ޚާއްޞަ ނަމެއް އޮތްތޯއެއް އަޅުގަނޑަކަށް ބަލައެއް ނުލެވުނެވެ. މިހާރު ދެން ތަންކޮޅެއް ކޮށީއެވެ. "އެގޯތި" ތެރެއަށް ވަންނައިރު މެދުގައި އެތެރެޔަށް ވަދެވޭ މަގެއް އޮތެވެ. އެމަގުގެ ކަނާތްފަރާތު އަރިމަތީގައިހުރި ފިލަޔަކުން އެތަނަކީ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނައިފައިވާ ތަނެއްކަން އެނގުނެވެ. "ގޯތީގެ" މެދުތެރެއިން އޮންނަ މަގުގެ ކަނާތްފަރާތުގައި ބޭރުމަގާ ކައިރިޔަށްހުރީ اُرْخَـــان غــازى ގެ މަޤްބަރާއެވެ. عـثمــان غــازى ގެ މަޤްބަރާހުރީ ވާތްފަރާތުން ކުޑަތަންކޮޅެއް އެތެރޭގައެވެ. ނަމަވެސް އަޅުގަނޑުމެން އެންމެފުރަތަމަ ދިޔައީ عـثمــان غــازى ގެ މަޤްބަރާއަށެވެ.

عـثمــان غــازى ގެ މަޤްބަރާގެ އެތެރޭގައި ދެކަނުގައި އަބަދުވެސް ފުލުހުންގެ ދެގާޑުން ކަނޑި ހިފައިގެން ތިބޭކަމުގައިވެއެވެ. އެކަމަކު ދިމާވި ރަނގަޅު އިއްތިފާޤަކުން އަޅުގަނޑުމެން ދިޔައިރަކު ދެގާޑުންނެއް ނެތެވެ. ގާޑުން ތިބީ ޖެހިގެންހުރި ކޮޓަރިޔެއްގައެވެ. އެހެންކަމުން ތަންކޮޅެއް ހިތަށް ފިނިކަން ލިބުނެވެ. ހިތް ރަމަތަކޮށްލައިގެން ތަން ބަލައިލެވުނެވެ. عـثمــان غــازى ގެ މަހާނަފުޅުގެ ދެއަރިމަތީގައްޔާއި ފަހަތުގައި ވަރަށްގިނަ މަހާނަފުޅުތައް ހުއްޓެވެ. ކޮންމެ މަހާނަފުޅެއްގައިވެސް އެއީ ކޮންބޭފުޅެއްގެ މަހާނަފުޅުކަން އެނގޭގޮތަށް ނަންފުޅު ލިޔެފައިހުއްޓެވެ. މަހާނަފުޅުތަކުގެ ވަށައިގެން ހިނގައިލެވޭންއޮތެވެ. اُرْخَـــان غــازى ގެ މަޤްބަރާގައިވެސް ހަމައެގޮތަށް މަހާނަފުޅުތައް ހުއްޓެވެ. ޢުޘްމާނީ ޚާންދާނުގެ ބޭފުޅުންގެ މަހާނަފުޅެވެ. އެކަމަކު އެމަހާނަފުޅުތަކުގެ ތެރެއަށް ވަދެ ނަންފުޅުތައް ނޯޓުކުރާކަށެއް އަޅުގަނޑަކަށް ނުކެރުނެވެ. ތަނުގެ ޙުރުމަތާއި ހައިބަތު ހިތަށް ވެރިވީއޭ ވިދާޅުވިޔަސް އެންމެ ރަނގަޅެވެ. ކުޑައިރުއްސުރެ ނާރުތަކަށް ވެރިކުރުވައިފައިވާ ރޫޙުދެކެ ގަންނަ ބިރޭ ވިދާޅުވިޔަސް ހަމައެންމެ ރަނގަޅެވެ. ކޮންމެއަކަސް އަޅުގަނޑު އެފަދަ ކަންކަމަށް ފާގައްޗެއް ނޫނެވެ. ސ.މީދޫ ގަނޑުވަރު ބޮޑުފުތްތަކުރުފާނަކީ އަޅުގަނޑާ ޢާއިލީގޮތުން ގުޅުންހުރި ބޭބެއަކު ކަމުގައިވިޔަސްވެހެވެ.

އެނަންފުޅުތައް ކިޔައިނުލެވުނު ކަމުގައިވިޔަސް عـثمــان غــازى ގެ އަރިހުގައި އަޅުގަނޑު ދަންނަ ދެބޭފުޅަކު ފަސްދާނުލެވިފައިވެއެވެ. އެއްބޭފުޅަކީ سلطـــان مــــــراد އެވެ. އަނެއް ބޭފުޅަކީ بــايـــزيــد ޔިލްދިރިމެވެ. 2003މ. ގައި އަޅުގަނޑު ތަރުޖަމާކޮށް ޝާއިޢުކުރި ފޮތެއްގައިވެސް ޔިލްދިރިމުގެ އެބޭފުޅަކުގެ ވާހަކައިގެ ތަންކޮޅެއް ހިމެނީމެވެ. ޢިބްރަތްތެރި ވާހަކަކޮޅެއްގެ ގޮތުގައެވެ. އެބޭފުޅަކީ عـثمــان غــازى ގެ މުނިކާފަ ދަރިކަލުން بــايـــزيــد ޔިލްދިރިމް އެވެ. ޔިލްދިރިމްއަކީ ތުރުކީބަހުގެ ލަފުޒެކެވެ. މާނައަކީ ވިދައިލާ ވިދުވަރެވެ. بــايـــزيــد އަށް އެލަޤަބު ލިބިވަޑައިގެންނެވީ ހަނގުރާމައިގައި އޭނާގެ ޙަރަކާތް އަވަސްކަމުންނެވެ. ލަޝްކަރާއިގެން އެއްތަނުން އަނެއްތަނަށް ވަޑައިގަންނަވާ ބާރު ދުވެއްޔާއި ހަލުވިފުޅުކަމުންނެވެ.

بــايـــزيــد ޔިލްދިރިމް އަވަހާރަވި ހާދިސާއަކީ އިސްލާމީ ތާރީޚުގައި ހިނގައިފައިވާ ހިތާމަވެރި ހާދިސާތަކުގެ ތެރެއިންވެސް ލިސްޓުގެ އެންމެކުރީ ވަނައެއްގެ ހާދިސާއެކެވެ. މުސްލިމުންނަށް ދުވަހަކު ދަސްނުވި އެއްފިލާވަޅަކީ އަމިއްލަ ގޭގެ ބައްތީން އަމިއްލަ ގެ އަންދައިލައިގެން ނުވާނެކަމެވެ. ތިމާގެ މީހުންނަށް ޣަދަރުވެރިވުމަކީ އަންނަނިވި ޒަމާން ސާބަހާއި ޝުކުރާއި ތާރީފު ރައްދުކުރާނެކަމެއް ނޫންކަމެވެ. އެހެންކަމުން 2003 އާ ޚިލާފަށް މިފަހަރު އަޅުގަނޑު ގަސްދުކުރަނީ ކުރިޔަށްވުރެ ތަންކޮޅެއް ތަފުޞީލުކޮށް އެހާދިސާއަށް އަލިއަޅުވައިލުމަށެވެ.

ދެ ޣާޒީންގެ މަޤްބަރާގެ އިތުރަށް ބުރުސާއިން އަޅުގަނޑަށް ފެނުނު ތިންލޭންޑު މާކަކީ ބުރުސާގެ ޖާމިޢު މަސްޖިދު ނުވަތަ ގްރޭންޑް މޮސްކާއި، ގްރީން މޮސްކާއި މުޙައްމަދު ޝަލަބީ (ޗަލަޕީ - ހިތްވަރުފުޅުގަދަ ހަރުދަނާ މިޒާޖުގެ ރަސްގެފާނު) ގެ މަޤްބަރާއެވެ. އަޅުގަނޑު އެދެ މިސްކިތާއި މަޤްބަރާ ބަލައިލީ ބޭރުންނެވެ. ހިނގާން އުނދަގުލަށެވެ. ޚާއްޞަކޮށް ކޮވިޑަށްފަހު ހިނގާން އުނދަގޫވިވަރުންނެވެ. ގްރޭންޑް މޮސްކް ބިނާކުރެއްވީ ސުލްޠާން މުރާދު އައްވަލެވެ. ގްރީން މޮސްކް ބިނާކުރެއްވީ ސުލްޠާން މުޙައްމަދުލްއައްވަލް (މުޙައްމަދު ޝަލަބީއެވެ.) އެވެ. އެހެންކަމުން އަޅުގަނޑަށް ބުރުސާއިން ވަކިވެވޭން އަންނަނީ މުރާދު އައްވަލާއި މުޙައްމަދުލްއައްވަލުގެ ތާރީޚުގައިވެސް ކޮންމެވެސް ވަރަކަށް ލޯފުނާއަޅައިލުމަށްފަހުގައެވެ. ތުރުކިއޭއިންގެ ތާރީޚު ލިޔާކަށެއް ނުއުޅެމޭ ދަންނަވައިފައިވެސް މިލިޔެވެނީ ތާރީޚު ދޮގެއްތޯއެވެ. އަޅުގަނޑު އުންމީދުކުރަނީ ތިޔަބޭފުޅުން އަޅުގަނޑުގެ ޢުޒުރު ޤަބޫލުކުރައްވާނެ ކަމުގައެވެ.

ސުލްޠާނު މުރާދު އައްވަލު

سلطـــان اُرْخَـــان غــازى އަށްފަހު ޢުޘްމާނީ ތަޙްތަށް އިސްވެވަޑައިގެންނެވީ اُرْخَـــان ގެ ހިތްވަރުފުޅުގަދަ އަދި މުޖާހިދު ދަރިކަލުން مــــــراد اوّل އެވެ. اُرْخَـــان ގެ ދުވަސްވަރު ތުރުކިއޭ މުޖާހިދުން ޔޫރަޕުގައި ފައިތިލަފުޅު ހަރުކޮށްލެއްވި ކަމުގައިވިޔަސް އެއުރެންގެ ފުތޫޙާތު ބިނާވެފައިއޮތީ ހަމައެކަނި ޔޫނާނުގެ ޕްރޮވިންސެއްކަމުގައިވާ ތުރޭސް (Thrase) ގެ ބައެއް ފަތަޙަކުރެއްވުމުގެ މައްޗަށެވެ. އެއީ ބޮސްފަރަސްގެ އައްސޭރީގެ ކުޑަކުޑަ ތަންކޮޅެކެވެ. އާދެ، އެދުވަސްވަރު ޢުޘްމާނީ ރަސްކަމުގައި ހިމެނިފައިވަނީ ޔޫނާނުގެ ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. ނަމަވެސް سلطـــان مــــــراد اوّل އެ ފުތޫޙާތުގެ ދާއިރާގައި ހަތަރު ހަނދު އިތުރަށް އުދަކުރެއްވިއެވެ. مــــــراد ޔޫރަޕުގެ ބައެއް އެހެނިހެން ޤައުމުތައްވެސް އޭނާގެ ފުތޫޙާތުގެ ތެރެޔަށް އިތުރުކުރެއްވިއެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ ޙަޤީޤީ މާނައިގައި ޔޫރަޕުގެ ބިމުގެ ބޮޑުބައެއްގައި ފުރިހަމަ ޙުރުމަތާއި ކީރިތި މޫރިތިކަމާއެކު އިސްލާމީ ދިދަ ވިހުރުވައިލެއްވި މުޖާހިދަކީ سلطـــان مــــــراد اوّل އެވެ. މުސަންނިފަކު ލިޔުއްވައިފައިވެއެވެ.

"مــــــراد اوّل ތާރީޚުގެ ޞަފްޙާތަކުން ރީތި ނަމާއި މަޝްހޫރުކަން ހޯއްދެވީ އޭނާއަކީ އެޑްރިޔާނޯޕަލްގެ ފާތިޙުކަމުގައި ވާތީއެވެ. ޔޫނާނުގެ އައްސޭރިޔެއްކަމުގައިވާ ހެލްސްޕޮންޓުގެ މަގުން ޔޫރަޕަށް ވެދެވަޑައިގެން ޔޫނާނުގެ ވަރަށް ބޮޑުބައެއް އޭނާގެ ރަސްކަމުގައި ހިމެނުއްވީތީއެވެ. އެބޭފުޅެއްގެ އައުދާނަކަމުގެ ކުރިމަތީގައި ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުންގެ މަތިވެރިކަމުގެ ބައްތިތައް ނިވުނު ބޭފުޅަކީ سلطـــان مــــــراد އެވެ. ޔޫރަޕުގެ ރަސްރަސްކަލުންގެ ގުޅިފައިވާ ލަޝްކަރު ކަފާސްކޮށްލެއްވީ އޭނާއެވެ. އެލަޝްކަރުގައި ހަންގޭރީއާއި ޕޮލެންޑާއި، ބޮސްނިޔާއާއި ސާބިޔާއާއި ވަލާޝިޔާގެ ރަސްރަސްކަލުންގެ ލަޝްކަރުތައް ހިމެނެއެވެ. مــــــراد އެލަޝްކަރު ބަލިކޮށްލެއްވީ އެޑްރިޔާނޯޕަލާ ތަންކޮޅެއް ދުރުން މާރީޒު ނުވަތަ މާތީޒު ކޯރުގެ އައްސޭރީގައެވެ."

މިދެންނެވި މުޞަންނިފު އިތުރަށް ލިޔުއްވައިފައިވެއެވެ.

مــــــراد اوّل އަކީ ޢުޘްމާނީ ދައުލަތުގެ އެންމެކުރީ ދައުރުގެ އެންމެ މަތިވެރި ފާތިޙެވެ. އެންމެ ހަނގުރާމަޔަށް ކުޅަދާނަފުޅު ހިތްވަރުފުޅުގަދަ ސިފައިންގެ މީހާއެވެ. އޭނާ ތިރީސްއަހަރު ރަސްކަން ކުރެއްވިއެވެ. ތަޚުތުގައި އިށީނދެވަޑައިގެންނެވީ ސާޅީސް އަހަރުގެ އުމުރުފުޅުގައެވެ. ޝަހީދުވީ ހަތްދިހަ އަހަރުގެ އުމުރުފުޅުގައެވެ. ފުރިހަމަ ސައުވީސް އަހަރުވަންދެން ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރެއްވިއެވެ. އޭނާއަކީ ދެވަނައެއްނެތްފަދަ ބަހާދަރެކެވެ. ނަމޫނާ މުދައްބިރެކެވެ. ހަމައެފަދައިން އޭނާއަކީ ޔޫރަޕުގެ ހާސްއަހަރުގެ ތާރީޚުންވެސް ނުހޯދޭފަދަ އޯގާވެރި ރަސްކަލެކެވެ. ދުވަހަކުވެސް އޭނާ ހަނގުރާމައަކުން ބަލިފުޅެއް ނުވެއެވެ. އޭނާ ބަލްގޭރިޔާއާއި ޔޫނާނާއި ބަލްޤާނާއި ސާބިޔާއާއި ކަރުމާނުގެ މައްޗަށް އޭނާގެ ބާރުފުޅު ހިންގެވިއެވެ. ތުރޭސްއާއި މަޤްދޫނިޔާއާއި ނިޝާފަދަ މުހިންމު ޝަހަރުތަކަށް ވެރިވެވަޑައިގެން އޭނާގެ ރަސްރަސްކަމަކީ ޔޫރަޕުގެ އެންމެބޮޑު ރަސްކަން ކަމުގައި ހައްދަވައިލެއްވިއެވެ. އެއްނަޒަރަކުން ބަލާއިރު ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުންގެ ބެލެނިވެރިޔާކަމުގައި ވެވަޑައިގެންނެވިއެވެ. ހަންގޭރީއާއި ބަލްގޭރިޔާއާއި ޔޫނާނާއި އަލްބޭނިޔާގެ ހުރިހައި ރަސްރަސްކަލުން އޭނާއަށް ޖިޒީދެއްވިއެވެ. އެބޭފުޅުންގެ ސާހިބާ ކަމުގައި ބައްލަވައެވެ. (ދައުލަތެ ޢުޘްމާނިއްޔާ، ޞަފުޙާ: 29)

ޖިހާދުގެ ޝައުޤު

سلطـــان مــــــراد އަކީ ޖިހާދުކުރައްވަން އިންތިހާޔަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މާތް اللّـــه ގެ މަގުގައި ޖިހާދުކުރައްވާ މުޖާހިދަކަށް ވެވަޑައިގެންނެވުމަކީ އޭނާގެ އަރިހުގައި ވަރަށްބޮޑު ޝަރަފެކެވެ. މުއައްރިޚަކު ވިދާޅުވެފައިވެއެވެ. مــــــراد އަކީ އޭނާގެ ބައްޕާފުޅު اُرْخَـــان ފަދައިން ދީނީ ލޯބިފުޅުގައި ނަފްސު މަތަނުކުރެއްވޭ ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާ އަމިއްލަފުޅަށް އޭނާގެ ނަންފުޅާއެކު ޣާޒީގެ ލަޤަބު ލިޔުއްވިއެވެ. ދީނުގެ މުޖާހިދަކަށް ވެވަޑައިގެންނެވުމަކީ ޝަރަފެއްކަމުގައި ދެކެވަޑައިގެންނެވިއެވެ. އޭނާއަކީ ދީނުގެ މަގުގެ މުޖާހިދެކެވެ. مــــــراد އަބަދުވެސް އޭނާގެ ބައްޕާފުޅުގެ އަންނަނިވި ވަޞިއްޔަތް ހަނދުމަފުޅު ބެހެއްޓެވިއެވެ.

"ދަރިފުޅާއެވެ! ކޮންމެފަދަ ޙާލަތަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް ފަހަރެއްގައިވެސް ހަނދާން ނައްތައިނުލާށެވެ! އަހަރެމެންނަކީ ޔޫރަޕުގައި އިސްލާމްދީނުގެ ނަޤީބުންނެވެ. ދަރިފުޅުގެ ބައްޕައާއި ކާފަގެ ކުރިމަތީގައި ދީން މަތިވެރިކޮށް ނަޞުރުވެރިކުރުން ފިޔަވައި ދެވަނަ އެހެން މަޤްޞަދެއް ނެތެވެ." (މުސަލްމާން ޙުކުމްރާން، ޞަފުޙާ: 639)

އެޑްވަޑް ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ތަޚްތުގައި އިށީނދެވަޑައިގެންނެވުމަށްފަހު مــــــراد ގެ އެންމެބޮޑު މަޤްޞަދަކީ އޭނާގެ ބައްޕާފުޅާއި ބޭބޭފުޅު ޔޫރަޕުގައި ފެއްޓެވި ފުތޫޙާތު ކުރިޔަށް ގެންދެވުމެވެ. އޭނާ ޔޫރަޕަށް ވެދެވަޑައިގެންނެވީ 1360މ. ގައެވެ. ހެލެސްޕޮންޓުގެ މަގުންނެވެ. އޭނާ ވަރަށްގިނަ ފުތޫޙާތުތައް ޙާޞިލު ކުރެއްވިއެވެ. އެ ފުތޫޙާތަށް ހުއްޓުމެއްއައީ 1389މ. ގައި ކޮސޯވޯ ހަނގުރާމައިގެ މައިދާނުގައި އޭނާގެ ޙަޔާތްޕުޅު ނިމުމަކަށް އައުމުންނެވެ. ޔޫނާނީންގެ އަތުން ދެވަނަ ދަރަޖައިގެ އަހަންމިއްޔަތުގެ ބައެއް ތަންތަން އަތުލެއްވުމަށްފަހު އޭނާ 1361މ. ގައި ވަރުގަދަ އެޑްރިޔާނޯޕަލް ފަތަޙަކުރެއްވިއެވެ. سلطـــان محـمّــد ثــانــــى އިސްތަންބޫލު ފަތަޙަކުރައްވަންދެން ޔޫރަޕުގައި ޢުޘްމާނީންގެ ވެރިރަށަކީ އެޑްރީނޯޕަލް (އުދުރުނާ) އެވެ. މަޤްދޫނިޔާއާއި ހައިމިއުސްއާ ދިމާއިން އޭނާގެ ފުތޫޙާތު އިތުރަށް ތަނަވަސްކުރައްވައި ފުޅާކުރެއްވިއެވެ. ސަގްރައިއާއި، ފިލިޕޯޕޮލިސް ހިއްޕެވިއެވެ. (ޞަފުޙާ: 22) މަގްދޫނިޔާއާއި ތުރޭސް ވަނީ ޢުޘްމާނީން ހިފައިފައިވާ ރަށްރަށުގެ ތެރޭގައި ކުރީއްސުރެ ހިމެނިފައެވެ. (ލޭންޕޫލް: 27)

މަރީޓްޒާ ހަނގުރާމަ

مــــــراد އެހައިތަނަށް ޔޫރަޕުގައި ކުރިމަތިލައްވަމުން ގެންދެވީ ހަމައެކަނި ބައިޒަންޓައިނުންނާއެވެ. ޔޫރަޕުގެ އެހެނިހެން ދައުލަތްތައް މުސްލިމް ތުރުކިއޭއިންގެ ދިފާޢުގައި ބައިޒަންޓައިނުންނަކަށް އެއްވެސްވަރަކަށް އެހީއެއް ނުވެއެވެ. ޚުދު ޕޯޕުވެސް އެކަމަކާ އަޅުއްވައެއް ނުލައްވައެވެ. އޭނާ ޞަލީބީ ހަނގުރާމަތަކުގައި ނުހަނު ފާޅުކަންބޮޑު ދައުރެއް އަދާކުރައްވައިފައި އޮތުމާއެކުވެސްމެއެވެ. مــــــراد ގެ ފުތޫޙާތާމެދު ޕޯޕް އެންމެކުޑަމިނުން ކަންބޮޑުވެވަޑައިގެންނެވުމެއްވެސް ފާޅެއް ނުކުރައްވައެވެ. ގްރީކު އޮތޮޑޮކްސް ނަޞާރާއިން ހަލާކުވަމުންދާ މަންޒަރު ބައްލަވާން ހުންނެވީ ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ.

(ނުނިމޭ)