ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު "އުރީދޫ ފަން ރަން" އިއުލާންކޮށްފިއެވެ.

އުރީދޫ ފަން ރަން އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އުރީދޫން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ. އުރީދޫގެ ފޯރިގަދަ ކަލާ ރަންގެ މަންޒަރުތަކުގެ އިތުރުން ފަން ރަންގެ މަޖާ ހަރަކާތްތައްވެސް ކޮންމެވެސް ވަރަކަށް އެ ވީޑިއޯއިން ފެނެއެވެ. އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބާއްވާނެ އެންމެ އުފާވެރި ރަން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ ވިދާޅުވީ މި ދުވުމުގައި އާއިލާތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށްވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ދުވުމުގެ މުޖުތަމައު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށާއި އުއްމީދަކީ މި ބޭއްވޭ އެންމެ އުފާވެރި ދުވުމުގައި ބައިވެރިވެ އިތުރު މީހުން ދުވުން ފަދަ ހަރަކާތްތަކަށް ޝައުގުވެރިކަން އިތުރުވުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި އިވެންޓުތައްވެސް މިދަނީ އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރަމުން. އެގޮތުން މިއަދު، މުޖުތަމައު އެއްވެގެން ބާއްވާ އިވެންޓުތަކާ ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އުރީދޫ ފަން ރަން އިއުލާންކޮށް، ރީލޯންޗުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" އޭނާ ވިދާޅުވި އެވެ.

އުރީދޫ ފަން ރަން ބާއްވަން ހަމަޖެހިފައި ވަނީ 23 ޑިސެމްބަރު 2022 ގައެވެ. މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ހަރަކާތެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ޖޮގުކޮށްފައި އަދި ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ބޭފުޅުން އަދި އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އުރީދޫން ވަނީ ހުޅުވާލައިފައެވެ. މި ދުވުމާބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.