މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ނޯތު ޕޯޓް މެލޭޝިއާއާ ދެމެދު މިދިޔަ އަހަރު ސޮއިކުރި އެމްއޯޔޫއަށް ފަހު އެކަމާ ގުޅޭ މަޝްވަރާތަކަށް އެމްޕީއެލްގެ ވެރިން މެލޭޝިއާގެ ނޯތު ޕޯޓަށް ވަޑައިގެންފިއެވެ.

ދެ ބަނދަރު ހިންގާ ފަރާތްތަކުގެ މެދުގައި ގުޅިގެން ކުރިއަށްގެންދާ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ކުރާ މި ދަތުރުގައި އެމްޕީއެލްގެ ޗެއާމަން، ކެޕްޓަން މުހައްމަދު ޝަރީފާއި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ނޯތު ޕޯޓް މެލޭޝިއާއަކީ އެގައުމުގެ ބަނދަރުތަކުގެ ތެރެއިން ލިކުއިޑް އަދި ޑްރައި ބަލްކް ކާގޯ އާއި ބޮޑެތި ޝިޕްމަންޓް ގެންގުޅުމުގެ ގާބިލުކަން ލިބިފައިވާ އެންމެ ބޮޑު އެއް މަލްޓި ޕާޕަސް ބަނދަރެވެ.

ވިޔަފާރި ތަރައްގީ ކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް އެމްޕީއެލް އާއި މެލޭޝިއާގެ ނޯތު ޕޯޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި ނޯތު ޕޯޓުން، ޕޯޓް މެނޭޖުމަންޓާއި ކޮންޓެއިނާ ހޭންޑްލިން އާއި ކޮންވެންޝަނަލް ކާގޯ ހިދުމަތާއި ޕޯޓް އޮޕަރޭޝަންސްއާ ގުޅުންހުރި ދާއިރާތަކުން އިންޑަސްޓްރީ އަދި ވިޔަފާރީގެ ތަޖުރިބާ އާއި ގާބިލުކަމުގެ އިތުރުން އިލްމާއި އެކި ވަސީލަތްތައް ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖޮއިންޓް ބިޒްނަސް ޑިވެލޮޕްމަންޓާއި ތަމްރީން ކުރުމާއި އިކުއިޕްމަންޓް މެއިންޓެއިން ކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުންވެސް ޖަމިއްޔާތަކުގެ މެދުގައި ހިއްސާވާ ވަސީލަތްތަކާއި މައުލޫމާތުގެ ސަބަބުން ބަނދަރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އާ ދާއިރާތައް ހުޅުވިގެންދާނެ ކަމަށް ބުންޏެވެ.