މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލުމަށް ހުޅުވާލައި ހޯމް މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
އެމްއެމްސީގެ މެމްބަރުކަަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކައުންސިލްގައި މިހާރު ތިބި 13 މެމްބަރުންގެ ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
މިމަހުގެ 22 ވަނަ ދުވަހު ކުރި އިއުލާން މިއަދު ބާތިލްކޮށްފައިވަނީ އެ އިންތިހާބާ ގުޅިގެން ކުރަންޖެހޭ ކަންކަން ނުނިމި ހުރުމުން ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އިންތިހާބު ކަންކަން ފުރިހަމަވުމުން އަލުން މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔުމުގެ ކުރިން އިއުލާން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ދެ އަހަރު ދުވަހެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓެވެ.
- ދިވެއްސަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމުގައިވުން
- ފާއިތުވި 12 މަސް ދުވަހު އެ މީހަކު ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެމްބަރުންނާއި އާންމު ހަ މެމްބަރުންނެވެ. އެގޮތުން އާންމު މެމްބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު