ވާހަކަ

ދިގު ވާހަކަ: ބަދުދުއާ 01

މަރިޔަމް ޝަފާ އިބްރާހިމް

2

(މިއީ މަންމަޔަކު އޭނާގެ ދެލޮލުގެ ނޫރުފަދައިން ބަލައި ބޮޑު ކުރި ދަރިފުޅަކަށް ދިމާވާ ހާލަތެއްގެ ވާހަކައެކެވެ. މިވާހަކައަކީ މީގެ ފަނަރަ އަހަރު ކުރިން 'އެސްއެސްއެލްސީ' ހިންގިއިރު އަޅުގަނޑު ރޭގަނޑު އެތަނުގައި (ގޭގައި ހުރި ތަނެއްކަމުން) ގޭގައި ރައްޓެހިންނާއި ބައެއް ގާތް މީހުންގެ އެދުމަކަށް އެމީހުންގެ ވަގުތު ކުރުކޮށްދިނުމަށް އަނގަބަހުން ކިޔައިދިން ވާހަކަތަކުގެ ތެރެއިން އެއްވާހަކައެވެ. މީގައި މަންމަޔަކު އެ އުފުލަން ޖެހުނު ވޭން، ތަހައްމަލު ކުރި ހިތާމަ، އަޑުއެހި މީހުންނަށްވެސް އަސަރު ކުރިއެވެ. އެހެންވެ އޭރު އިތުރަށް އެއްވެސް ގޮތަކަށް ލިޔުމަކުން ސިފަނުކުރެވި ބޭއްވުނީ އެހެންވެގެންނެވެ.)

**********

2017، އައްޑޫ/ހިތަދޫ

ފަރަހަނާޒާއި މިކިޔަލް އަދި ޝިވަންޝާހު

ބަދިގޭގައި ދެއުނދުނަށް ތެލިތައް އުދައިގެން ތަރުކާރީ ކޮށަމުން ކެކެމުންދާ ތަކެތީގެ ވަހުން ރަހަ ހެޔޮވަރު ކުރަމުން ދިޔަ ފަރަހަނާޒުގެ މޫނުމަތީގައި، މެންދުރުގެ ހޫނާއި އަލިފާނުގެ ދިލައިން ރަތްވަމުން ދިޔަ ނަމަވެސް ފެންނަމުންދާ އުފާވެރިކަމެއް ނުފޮރުވެއެވެ. ބަދިގޭގައި މަސައްކަތު ހުންނަ އިރު ލަވަ އަޑުއެހުމަށް ޝައުގު ހުންނާތީ ފޯނުން ލަވަޖެހުމުގެ އާދަ ފަރަހަގެ ގައިގައި އަބަދުވެސް ހުރެއެވެ. މިވަގުތުވެސް ހިތްފަސޭހަ ވަރަކަށް އަޑު އިވެމުންދިޔަ އިހުގެ ހިންދީ ލަވައެއްގެ ސަބަބުން ތޯއްޗެކެވެ. ބައެއް ފަހަރު އޭނާގެ ތުންފަތްމަތީ ހިނިތުންވުމެއްވެސް ދުވެލައެވެ. "ދިލް ކިޔާކަރޭ ޖަބް ކިސީކޯ ކިސީސެ ޕިޔާރް ހޯޖާއޭ." މިއީ އެއްޒަމާނެއްގައި އަދި މިހާރުވެސް ދިވެހިންގެ ތެރޭގައިވެސް ހުތުރުނުވާ ރީތި ލަވައެކެވެ. އެލަވަ ނިމިގެން ދެން ފެށި ލަވަޔާއެކު ފަރަހަނާޒަށް އަތުގެ ހަރަކާތްތައްވެސް އަވަސްކޮށްލެވުނު ކަހަލައެވެ.

ތުޖްސެ ނާރާޒް ނެހީ ޒިންދަގީ ހައިރާންހޫ މޭ ހޯ ހައިރާންހޫމޭ،

ތެރި މާސޫމުސަވާލޮނސޭ ޕަރޭޝާނުހޫމޭ

ޖީނޭކޭ ލިޔޭ ސޯޗާހީ ނެހީ ދަރްދު ސަމާލުނެ ހޯނގޭ...

މުސްކުރާއެތޯ މުސްކުރާނޭކީ ކަރުޒު އުތާރުނެހޯނގީ

މުސްކުރާއޫ ކަބީ ތޯ ލަގްތާހޭ ޖޭސެ ހޯޓޯނޕޭ ކަރްޒު ރަކާހޭ، ތުޖްސެ ނާރާޒް ނެހީ....

އާޖްއަގަރް ބަރްއާއިހޭ ބޫދޭ ބަރަސް ޖާއޭގީ

ކަލް ކިޔާ ޕަތާ އިންކެ ލިޔޭ އާކޭ ތަރަސް ޖާއޭގީ

ޖާނެ ކަބް ގުމް ހުވާ ކަހާނ ކޯޔާ އޭކް އާނސު ޗުޕާ ރަކާތާ، ތުޖްސެ ނާރާޒް ނެހީ...."

ފަރަހަގެ ކަންފަތަށް އިވެމުން ދިޔައީ ލަވައެއްކަން ޔަގީނެވެ. އެކަމަކު އޭނާގެ ހިތާއި ސިކުނޑީގައި ތަސްވީރަކަށް ފަހު ތަސްވީރެއް ނިއުޅެމުން ދިޔައީ ތުއްތު ފުރާނައާއި އޭނާގެ ފުރަތަމަ ހިތާއި ނަފުސުން ގުޅުން އުފެދުނު ވަގުތުން ފެށިގެން މިއަދާއި ހަމައަށް އައި ހިނދުކޮޅުތަކެވެ. އޭނާގެ ހަޔާތުގެ އެންމެ ހާއްސަ ފަރާތަކީ އެއީއެވެ. އޭނާގެ ކޮންމެ ދުއާއެއްގައި އަބަދުމެ ޝާމިލުވާ މުހިންމު ފަރާތަކީވެސް އެއީއެވެ. މިއަދު އޭނާގެ ހަޔާތުގައި އިތުރު އެއްވެސް އެދުމެއް ނެތެވެ. އޭނަގެ ޒުވާން އުމުރުގެ އެންމެ ބޮޑު އުފާ އޮތީ އެފަރާތާ ގުޅިފައެވެ.

އެންމެ ފުރަތަމަ އޭނާގެ ހަށިގަނޑުގެ އެތެރޭގައި އެފުރާނަ ނޭވާލި ހިނދުކޮޅު މިއަދުގެ މިވަގުތުވެސް ތާޒާކަންމަތީގައި ފަރަހަ ހަނދާން އެބަހުއްޓެވެ. އެދުވަހު އޭނާ ލައިގެން އިން ހެދުމާއި ކާން އިން ކެއުމުގެ ރަހައާއި ނޭފަތުގައި ޖެހުނު ސެންޓުގެ ވަހަށްދާނދެން އޭނާގެ ހިއްސުތަކުގައި މިހާރުވެސް ހަރުލާފައި ހުރެއެވެ.

"ރީރިރީން."

ލަވައިގެ އަޑު ކެޑުނުތަނާހެން އަނެއްކާވެސް ލަވަ ރިޕީޓް ކޮށްލުމަށް އަތްދިއްކޮށްލެވުނީ އަދިވެސް އެއްފަހަރު އެލަވަ އަޑު އަހާލަމުން އެއިހުސާސްތައް އާކޮށްލާހިތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް އެވަގުތު މަޑުމައިތިރި ރިންގުޓޯނަކުން ފޯނު ރިންގުވާން ފެށުމުން އޭނާގެ އެރީތި ހިޔާލުތަކުގެ ތަސްވީރުތައް ހުއްޓިއްޖެއެވެ. ތިރީގައި ހުރި އަވަނުގެ ޓެމްޕެރޭޗާ ހެޔޮވަރު ކޮށްލަމުން އޭނާއަށް ޗޮކެއް ކަނޑާލެވުނެވެ. މިއީ ދެން މީހުން ގުޅަން ކޮން ގަޑިއެއް ހެއްޔެވެ. އަމުދުން މިގަޑީގައި އެގުޅަނީ ކާކުބާވައެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. ދެފަހަރަކު ނުނަގައިގެން ކެނޑުމުންވެސް އަދިވެސް ގުޅަނީއެވެ. ކޮންކަހަލަ މީހެއްހެއްޔެވެ.

ކިޗެންޓަވަލްއަކުން އަތް ފޮހެމުން، މޭޒުމަތީގައި އޮތް ފޯނުގެ ނިވިދިއްލެމުން ދިޔަ ޑިސްޕްލޭއަށް ބަލައިލުމާއެކު، އޭނާގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފާޅުވިއެވެ. މިކަހަލަ ނުވަގުތެއްގައި އޭނާގެ ނަންބަރަށް ގުޅަން ކެރޭނެ އެހެން މީހަކު ނުހުންނާނެ ނޫންހެއްޔެވެ.

"ހަލޯވ...މިމެންދުރުގެ ހޫނުން ވެފަ ހުރި ވަރުބަލިކަންވެސް ފިލައިފި...ފަރަހަގެ އަޑު ހަމަ ފިސާރި އޮމާނޭ... އާހަހާ...."

ފޯނަށް ޖަވާބު ދިނުމުން އެކޮޅުން ލާނެތް ހީނލުމަކާއެކު ރައްޓެހި އަޑެއް އިވުނެވެ. ފަރަހަނާޒަށް ދެއަތަކަށް ބޯހޫރާލެވުނީ ހިތަށް އަރައިފޭބި އެތައް ވާހަކައެއްގެ ސަބަބުންނެވެ.

"ނޫނޭ.... އަދި ފަންސަވީސް އަހަރު ވިޔަސް ޝިވަންޝާހުގެ ތިއާދަޔަކަށް ބަދަލެއް ނާންނާނެ.... ހުޝާމަދު ކުރުމަކީ ޝިވަންގެ ޕްރޮފެޝަނެއްހެން ހީވަނީ...."

ފަރަހަ، މޭޒުމަތީގައި ހުރި އެކިވައްތަރުގެ ތަފާތު މޭވާތައް ތިންބަޔަކަށް ވަކި ކުރަމުން ވާހަކަ ދެއްކިއެވެ. ހުތްފޮނި މޭވާތަކާއި ފޮނިމޭވާތަކާއި ފެންގިނަ މޭވާތައް އެއްކޮށް ބޭނުން ކުރުން ރަނގަޅުކަމަކަށް ނުވާތީއެވެ. ކެއްކުމާއި ކެއުމުގައި އަދި ކާންދިނުމުގައިވެސް ފަރަހަގެ ވައްޓަފާޅި ވަރަށްވެސް ތަރުތީބުވެފައި މޮޅެވެ.

"ޝިވަންޝާހު ހުޝާމަދު ކުރަނީވެސް، ތައުރީފު ކުރަނީވެސް އަދި ލޯބިވެއޭ ބުނެ ލޯބި ވަނީވެސް ފަރަހަނާޒު ކާމިލަށް.... އެހެން މީހަކާމެދު އެއްވެސް ޝައުގެއް ނެތް.... އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީވެސް ތީ....އެހެންނު....ދެން ބުނެބަލަ...މިކީ ކޮބާ....؟"

"މިކީގެ ނަންބަރު ނޭނގޭތަ....؟" ފަރަހަ ހެވިފައި ލާނެތް ރާގެއްގައި އަހާލިއެވެ.

"އުނހު....އެނގޭ...އެކަމަކު މިކީގެ މަންމަޔާ ވާހަކަ ދެއްކޭނީ މިނަންބަރަށް ގުޅީމައެއްނު.... މިއަދަކީ މިކީގެ މަންމަޔަށްވެސް އަދި ޝިވަންޝާހަށްވެސް ވަރަށް ހާއްސަ ދުވަހަކަށްވީމަ...." ޝިވަން ބުނެލިއެވެ.

"އެކަމަކު މިކީގެ ބައްޕައާއި މިކީގެ މަންމަ ވަކިވިތާ ދިހަ އަހަރު ވެއްޖެ.....މިކީގެ އުފަންދުވަސް ވީމަ ވާހަކަ ދައްކަން ޖެހޭނީ މިކީއަކާ ނޫންބާ؟" އަހަރުތަކެއް ކުރިން ޝިވަންޝާހުގެ އަނތްބަކަށް ވި ހަނދާންވުމުން ފަރަހައަށް ހީނލެވުނެވެ.

"މާބޮޑަށް ފަރަހަގެ އަޑު އަހާލާ ހިތްވީީމަ ހިތަށް އެރީ ފުރަތަމަ ގުޅާލާނީ ފަރަހައަށޭ.... އެހެންނޫނަސް މިއަދުގެ ހަނދާންތައް އާކޮށްލަން ޝިވަންއަކަށް ހައްގެއް ނޯންނާނެތަ؟" ޝިވަންޝާހުގެ އެންމެ ހާއްސަ އަދި އެންމެ ގިނަ މީހުން އޭނާއާ ގަޔާވާ ސަބަބަކީވެސް އެއީ ކަމަށްވެދާނެއެވެ. އެކަަމަކު ކިހާ މަޖާކަމެއް ހެއްޔެވެ. އެހެން އެންމެނަށް އެހާ ރީތި، އެހާ ފުރިހަމަ ޝިވަންއާއެކު ފަރަހައަކަށް ނޫޅެވުނެވެ. ޝިވަންގެ ގައިގައި އަންހެންކުދިން ބޭނުންވާ ހުރިހާ ސިފައެއްވެސް ހުރެއެވެ. އެހެންނަމަވެސް ފަރަހައަށް ހިތާއި ސިކުނޑީގެ ހަނގުރާމައިގައި ހިޔާރު ކުރެވުނީ ހިތަށް ފަތަހަ ދިނުމަށެވެ.

"ޝިވަންގެ އެހެން އެންމެނަށް ކަމުދާ އަދި މަށަށް އެންމެ ކަމުނުދާ ސިފަޔަކީވެސް ތިއީ. ބައެއްފަހަރު އެހާ ޗާމިން ނުވެބަލަ. އެހެން އަންހެންކުދިންނަށް ކަމުދާ ތިސިފަ އަހަންނަށް އެހާ ކަމަކު ނުދޭ. އަހަރެން ބޭނުންވާފަދަ ޓަފް ހަރު މީހަކަށް ވީދުވަހެއް ނަމަ ހަމަޔަގީނުންވެސް މިކީ މިއަދުގެ މިހާއްސަކަން ހިއްސާ ކުރީހީ ދެމީހުން އެއްފުރާޅެއްގެ ދަށުގައި އެކީ ތިބެގެން." މިފަހަރު ފަރަހަގެ އަޑުގައި ނުތަނަވަސް ހިތި އަސަރެއް ހުއްޓެވެ.

ހަގީގަތަކީ އެއީއެވެ. އެންމެ ފުރިހަމަ ހުރިހާ ސިފަޔަކާއެކު ޝިވަން ފަދަ ފިރިޔަކު ލިބި، ނުހަނު ރީތި އަންހެން ދަރިފުޅެއްގެ މަންމަޔަކަށް ވީ ނަމަވެސް ފަރަހައަށް އުނިވި އެއްކަމެއް އޮތެވެ. މާބޮޑަށް އޭނާއަށް ދޫކޮށްލާފައި ޝިވަން އަށް އުޅެވުނީ ތަންކޮޅެއް ޅަކޮށެވެ. އުމުރުގެ ގޮތުންކަމަށްވެސް ވެދާނެއެވެ. ފަރަހައަށް ބޭނުންވީ ހަރުކަށިކަމަކާއެކު އާއިލާއެއްގެ ޒިންމާ ނަގާނެ ގަދަފަދަ، ވަރުގަދަ ފިރިއެކެވެ. އޭނާއަށްވުރެ އެންމެ ދޮޅުއަހަރު ދޮށީ ޝިވަންއަކަށް އެކަމެއް ނުކުރެވުނެވެ. ނުވަތަ އޭނާ ހުރީ ބަހަނާއަކަށް ބޭނުންވެފައި ތޯއްޗެކެވެ.

ދިހައަހަރު ކުރިން އެއްދުވަހެއްގެ ހަމަ މިކަހަލަ ހޫނު މެންދުރެއްގައި ފަރަހަ ވަރަށް ރީތިވެލައިގެން، ދެމީހުން ހަމަ މިބަދިގޭގެ މޭޒުދޮށުގައި ތިބެ އެއްބަސްވެ ނިންމި ނިންމުމެކެވެ. ޝިވަންގެ ވިސްނައިދިނުމަކަށް، ނަސޭހަތްދިނުމަކަށް ބަދަލުވާވަރަށްވުރެ ފަރަހަގެ ނިންމުން ވަރުގަދަކަން އެނގުމުން ޝިވަން ކޮށްލީ ހަމައެންމެ ދެސުވާލެކެވެ.

ފަރަހަ އޭނާއަށް ވަފާތެރިކަމާމެދު އެއްވެސް ސުވާލެއް ޝިވަންގެ ނޯންނާނެވަރަށް އޭނާ އަނބިމީހާއަށް ކުރާ އިތުބާރު ބޮޑެވެ. އެހެންނަމަވެސް ހިތުގެ އަޑިން ތެދުވެރިވުމާމެދު ސުވާލު ކުރެވުނީ ހަމައެކަނި ފަރަހަގެ ހުރިހާ ހަގީގަތަކާއި ސިއްރުތައް އެނގޭ، އެންމެ ކުޑައިރުއްސުރެ އޭރުވެސް އަދި ދެންވެސް، ފަހުންވެސް އެންމެ ގާތް ރަހުމަތްތެރިޔާއަށް ވާނެކަމުގެ ޔަގީންކަން އޮތްވަރުން ކަމަށްވެސް ވެދާނެއެވެ. އެހާވެސް ރަނގަޅަށް އޭނާއަށް ފަރަހަ އެނގޭތީ ކޮށްލި އެސުވާލަށް ފަރަހަ ހަނުހިމޭން ބަހުރުވަޔަކުން ދިން ޖަވާބު އިވުމަކާ ނުލައި ޝިވަންއަށް ފަހުމުވިއެވެ. ހިތަށް އަރާ ކޮންމެ އެއްޗެއް ދުލާ ހަމައަށް ގެނެސް އެއިން ކުށްވެރިވެ ފާފަވެރިވުމުގެ ބޭނުމެއް ނެތްކަމުގެ ޝިއާރެއް ގެންގުޅޭ ފަރަހަގެ ހިމޭންކަމަކީ ޝިވަންއަށް ވަރަށް ބައިވަރު ވާހަކައެވެ.

"މިހާރު ދެން ބުނެބަލަ، ޕްރިންސްޗާމިން އަކަށް ޝިވަންޝާހު ނުވި، ފަރާގެ ޕްރިންސްޗާމިން ހުވަފެންތަކުން ބޭރަށް ނުކުމެގެން ހުދުއަހެއްގައި ހުދުހެދުމުގައި ނަޔަސް ކަޅު އަހެއްގައި ކަޅު މާސްކެއް އަޅައިގެން ނަމަވެސް ނާދޭތަ؟ ދިހަ އަހަރުކުރިން ވަކިވެގެން ދެމީހުން ދެދިރިއުޅުމަކަށް ދިޔައީ ފަރާގެ ހިތުން އަހަންނަށް ދޭންވާ މަގާމު ނުދެވުމުގެ ބޮޑު ފާފަ ނުކުރަންވެގެންކަން އަހަންނަށްވެސް އެނގޭ. މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނަކާމެދު ވިސްނައި، ހުވަފެން ދެކެ، އިންތިޒާރު ކުރުމުގެ އެފާފަ ފަރާ ލައްވައި ކުރުވަން އަހަރެންވެސް ބޭނުން ނުވީ. ކައިވެނި ކުރި ދުވަހުވެސް އަހަރެން ބުނިން."

ތެދެކެވެ. އަލަތުކައިވެނީގެ ރޭގައި ފިރިއެއްގެ ދުލުން، ތިމާގެ އަނބިމީހާގެ ހުރިހާ ހަގީގަތެއް އެނގިހުރެ، އެކުގައި އުޅެވޭތޯ ވަގުތު ދިނުމަށް އެއްބަސްވުމަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް ލިބޭނެ ވަރުގެ ބޮޑު ނަސީބެއް ނޫނެވެ. އެނަސީބު ފަރަހައަށް ލިބުނެވެ. ޝިވަން އޭނާގެ ހިތް ފަތަހަ ކުރެވޭތޯ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެކަމަކު އޭނާއަށްޓަކައި ޝިވަން ދިރިއުޅުމުގައި، އަގެއް ކަނޑައަޅައި، ނެތްކަމެއް ދައްކާފަދަ މުނާފިގުސިފައެއް ހިޔާރު ކުރާކަށް ފަރަހަ ބޭނުމެއް ނުވިއެވެ.

ދެމީހުންވެސް އެކަކު އަނެކަކަށް ހެޔޮއެދެއެވެ. ވަރަށްބޮޑަށް ލޯބިވެސް ވެއެވެ. ތަފާތަކީ އެކެއްގެ ލޯބި އޮތީ ރަހުމަތްތެރިކަމާ ހިސާބުގައި ހުއްޓިފައިކަމަށްވާއިރު، އަނެއްމީހާގެ ހިތް އޮތީ ރަހުމަތްތެރިކަމާއި އިޝްގުގެ ކުލައިން ޖަރީވެފައިކަމަށްވުމެވެ. އެހެންނަމަވެސް ދެމީހުންގެ ވަކިވުމަކީ ހުރިހާ ގޮތަކުންވެސް އެކަކު އަނެކަކަށް ހެޔޮއެދިގެން، ދެމީހުން އެކަކުއަނެކަކަށް އެންމެ ރަނގަޅު ކަމަކަށް ނިންމި ނިންމުމެކެވެ.

"ފަރާ އަހަންނާ ވަކިވީ ޕްރިންސް އަންނަންދެން ތިހެން ހުންނާކަށްނު....ދެން އެންމެ ހެޔޮ... އަދިވެސް މަގޭ ނަން އޮންނާނީ ކޮންމެ ލިސްޓެއްގައިވެސް އެންމެ ކުރީގަ ކަން އެނގޭ. އެވަރަށް މަދެކެ ފަރާ ލޯބިވާނެކަން މަށަށް އެނގޭ...."

ޝިވަންގެ މިޔަގީންކަމަށް އަބަދުވެސް ފަރަހަ ހީނގަނެއެވެ. އެއްގޮތަކުން ވިސްނަންޏާ އަދި ބުނަންޏާ އެއީ ތެދެއްވެސްމެއެވެ.

"ތެދެއް ތެދެއް....މިރޭގެ ޕާޓީއަށް ދިއުމަށް އާހެދުންވެސް ގެނުވީ ކުލަގުޅުވައިގެން....ފަރާއަށް ފޮނުވިއެއްނު ހެދުން ފަހަން....ކުލަ ގުޅުވައިގެން މިގެއަށްވެސް އަންނައުނާއި ބޫޓު ގަތީ...."

ޝިވަންގެ އަޑު ފަހަތުން އިވުނު އަންހެން އަޑުގައި ހުރީ ގާތްކަމެކެވެ.

"އަހަރެން އަނތްބަކު ހޯދީއެއް ނޫނޭ.... އަނބިމީހާ އަހަރެން ގާތަށް އައިސް އަހަރެން ހޯދީ... އެހެންވީމަ މަ ބަލައިގަންނަންވާނީ މަގޭ ހިތުގެ އެގްރީމެންޓާ އެއްބަސްވެގެންތާ.... ކަމްއޯން... ވައިފީ....ގިވްމީ އަ ބިގް ހަގް.... އިޓްސް މައި ޑާލިންސް ފިފްޓީންތު ނައިޓޭ.... ވީ ޝުޑް ސެލެބްރޭޓް ޓޫ...."

އެއީ ޝިވަންގެ އެންމެ ކަމުދާ އެއްސިފައެވެ. ކޮންމެ ވަގުތަކުވެސް އަނބިމީހާއަށް ބަހައްޓާ ހާއްސަ ސަމާލުކަމެވެ.

ދިހަ އަހަރު ކުރިން ފަރަހައާ ވަކިވެގެން މާގިނަ ދުވަސްތަކެއް ނުވެއެވެ. ހަމައެންމެ އަށެއްކަ މަސްތެރޭ ޝިވަންއާއި ޒިލާގެ ކައިވެނި ކުރެވިއްޖެއެވެ. ޒިލާއަކީ ސުކޫލުގައި އުޅުނު އިރުވެސް ޝިވަންއަށް ޓަކައި ހިޔާލީފޮލާ ކައްކައި، ޝިވަންއާއެކު ޅޮސްއުނދޯލި ހެއްލި މުޅި ސުކޫލުގެ ރީތީގެ ރާނީވެސްމެއެވެ. ޝިވަން އަށް އެކުގައި އުޅެވޭކަހަލަ ހިޔާލުވެސް އެއްގޮތް އަންހެނެވެ.

ފަރަހައާއި ޝިވަންގެ ރަހުމަތްތެރިކަން ކިތަންމެ ޅަދުވަހުން ފެށިގެން ގާތްކޮށް އޮތަސް ހިޔާލު ހަމަ އުޑާ ބިމާހައި ތަފާތެވެ. ފަރަހައަކީ ކުޅިވަރާއި ބޭރުތެރޭގެ ދިރިއުޅުމަށްވުރެ ގޭތެރޭގެ ދިރިއުޅުމަށް ލޯބިކުރާ، ހުވަފެނީ ދުނިޔެއެއްގައި ދިރިއުޅޭ، ގެއާއި ފިރިމީހާއާއި ދަރިންނަށް އަމާނާތްތެރިވެގެން އިންނަ ގެވެހި އަންްހެނެކެވެ. މިއަދު އަމިއްލަ ކުންފުންޏެއްގެ މެނޭޖިންޑި ރެކްޓަރަކަށް ވީ އޭނާގެ އިލްމާއި ހުނަރެއް ހުރީތީއެވެ. މީހުންނާއި މުއާމަލާތްކޮށް ވިޔަފާރި ކުރިއެރުވުމުގެ ހުނަރު އާއިލީގޮތުން ލިބިފައި ހުއްޓަސް ފަރަހައަކީ ޕާޓީތަކާއި ދަތުރު ކުރުންތަކާ މާބޮޑަށް ރުހޭ މީހެއް ނޫނެވެ.

މިހާރުވެސް އޭނާގެ ރަސްމީ އޮފީހުގެ ގަޑި ނިމިގެން ގެއަށް އައުމާއެކު ގެއާއި އާއިލާއާއެކު ހުރިހާ ވަގުތެއްހެން ހުސްކޮށްގެން ދިރިއުޅޭއިރު އޭނާއަށް ދެން އެންމެ ކަމުދާ ކަމަކީ ލަވަޔައި މިޔުޒިކްގެ ހިތްގައިމުކަމެވެ. އެވެސް ހިމޭން، އަހާލަން ފަސޭހަ ރާގުތަކާއި ހާއްސަކޮށް ހިންދީ، އުރުދޫ ލަވަޔަކީ ފަރަހަގެ ހަމަޖެހުމެކެވެ.

މިހުރިހާ ކަމަކާއި ހިލާފަށް ޝިވަންޝާހަކީ ކުޅިވަރާއި ސަކަރާތާއި މަޖަލުގެ ބޮޑެކެވެ. ފަރަހަގެ އަބުއިކަމާއި ސީރިއަސްކަމަކީ ޝިވަންގެ ސަމާސާ ސަކަ މިޒާޖުގެ މުޅިން އިދިކޮޅެވެ. އަދި ހަމައެއާއެކު ޝިވަންޝާހަކީ ފުޓްބޯޅައާއި ވޮލީފަދަ ކުޅިވަރުތަކުގެ އާޝިގެކެވެ. ސުކޫލުގައި އުޅުނުއިރުވެސް ވޮލީކެޕްޓަނެވެ. އަދި މިހާރު އެއީ ގައުމީ ޓީމުގެ ކުޅުންތެރިއެއްވެސްމެއެވެ.

އަނެއްކޮޅުން ޒިލާއަކީ އޭރު ސުކޫލާއި ރަށާއި އަތޮޅުގެވެސް ނެޓްބޯޅައިގެ ރާނީއެވެ. އަދި މިއަދު އެއީ ރާއްޖޭގެ ގައުމީޓީމުގެ އަގުބޮޑު، ހާއްސަ ކެޕްޓަނެވެ. ކައިވެންޏަށްފަހު ހަތަރު އަހަރުވަންދެން ދެމީހުންވެސް ދުނިޔޭގެ އެކިތަންތަނަށް ކުޅިވަރުގެ އެކިއެކި ކަންކަމުގައި އުދުހި އުޅުނެވެ. އޭގެފަހުން ދުވަސްކޮޅަކަށް ޒިލާ މަޑުކޮށްލަން ޖެހުނީ ބަލިވެ އިންކަން އެނގުމުންނެވެ.

އެހެންނަމަވެސް ތިންފަހަރުވެސް ބަލިވެ އިނދެ މަސްދެމަސް ވާތަނުން ދަރިފުޅު ބައިގެން ދަނީއެވެ. އެއީ މަޔަކަށް ވަރަށް ބޮޑު ޖިސްމާނީ އަދި ނަފުސާނީގޮތުން ބަލިވާފަދަ ނިކަމެތި ހާލަތެކެވެ. ޒިލާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އަޅައިބަލާއިރު އެހިތާމައިގައި އޭނާ ހައެއްކަ މަސްވަންދެން ބެޑްރެސްޓް ނެގުން އެއީ އޭގެ ހެއްކެކެވެ. ނަތީޖާއަކަށްވީ އެފަހަރުގެ އެބެޑްރެސްޓުގައި ޒިލާގެ ބަނޑުގައި ދަރިފުޅު ހަރުލައި، ޑޮކްޓަރުންގެ ބަސް އަހައިގެން އިތުރަށް ގޭގައި މަޑުކޮށް ދަރިފުޅު ވިހާ ގަދަވަންދެން ކެތްތެރިކަމާއެކު އުސްފުންމުންތަކާއި ގަދަފަދަ ކުޅިވަރުކުޅުމާ ދުރުގައި ހުރުމެވެ. މިއަދު ޒިލާއާއި ޝިވަންގެ ތިން އަހަރަށްދާ ފިރިހެންދަރިފުޅަކު އެބަހުއްޓެވެ. ޒިލާގެ ދަރިފުޅާއި ފަރަހަގެ ދަރިފުޅުގެ ގުޅުން ވަރަށްވެސް ރަނގަޅެވެ.

"އެނގޭތަ....ޒިލާ މިރޭވެސް ބިޒީވާން ވެގެން އެހުރީ ތައްޔާރަށް..."

ޝިވަންގެ ހުނުމުގެ އަޑު އިވުނެވެ.

"އެހެންތަ... ތިއެއް އެނގިދާނެއޭ...މަޑުކޮށްލާ...އަހަރެމެން ބުނީމަ އަޑެއް ނީވޭނެ...އެކަމަކު ދެކޮޅު ހަދަން ނުކެރޭވަރުގެ ފަރާތްތައްވެސް ތިބެއޭ..." ފަރަހަ ފޯނުގެ ލައުޑުސްޕީކަރު އޮންކޮށްފައި މޭޒުމަތީގައި ބޭއްވިއެވެ.

"ދަރިފުޅާ...މަންމީގެ ކުއީން....ބަލާބަލަ.....މިއޮތީ ފޯނަށް ކޮންމެވެސް ހާއްސަ މީހަކު ގުޅާފަ...."

އުނދުންތައް ނިވާލާފައި ކުޑަދޮރުތައް ހުޅުވައި، ބަދިގޭގެ ވަސް ރަނގަޅުކޮށްލުމަށް ފަންކާ ޖެއްސިއެވެ. އަދި ރެއަށް ކައްކައި ނިމިފައި ހުރި ތަކެތީގެ މަތިނަގައި ރަނގަޅުތޯއާއި، މެހުމާނުންނަށް ފުދޭވަރަށް ތަކެތި ހުރިތޯއެވެ.

"ލައްބައޭ...މިކީގެ ސްވީޓްސްވީޓް މަމީ....."

ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަދެގެން އައީ ސާދަ، ފަނަރައިގެ ހަނދެއްފަދަ ޗާލު، ޅަނދޮޅު އަންހެންކުއްޖެކެވެ.

ކޮނޑާހަމައިން ކޮށާލާފައި އޮތް ފަންފަށުވި ކޮޅެއްކަހަލަ އިސްތަށިގަނޑާއި ކަޅުކަންގަދަ ވަށްބޮޑު ދެލޮލުގައި ވަރަށްވެސް ކުޑަކުޑަ، ވަރަށްބޮޑަށް ސަމާލުވެގެން ނޫނީ ނޭނގޭފަދަ އަވަރުގޮތެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ. އެދެލޮލުގައި ތަފާތު ހާއްސަ އަޅައިގަންނަކަހަލަ ގޮތެއް ހުރެއެވެ. ބައްޕަގެ ފަރާތުން މިދަރިފުޅަށް ނުލިބުނު ހަމައެކަނި މަންމަގެ ފަރާތުން ވާރުތަވެފައި ވަނީ މަންމަގެ ހަށިގަނޑުގެ ބައްޓަމާއި ދެތުންފަތެވެ. ފަރަހަގެ ދަތްދޮޅީގައި ހުންނަ އަޑިކޮޅާއި ތިރީތުންފަތާ ދިމާލުން ތިރީގައި ހުންނަ ބިއުޓީސްޕޮޓް ހަމަ އެހެން އެގޮތަށް ލިބިފައިވެއެވެ. ދެމީހުންގެ ސިފަތަކުން ތަތްގަނޑު ޖެހިގެން، ސިފަޖެއްސެވުމުގެ ކަލާނގެ ކުޅަދުންވަންތަކަމުގެ ނަމޫނާއަކަށް ހެދިބޮޑުވަމުން އަންނަ ފިނިފެންމާކުލައިގެ މިރީތި ދަރިފުޅަކީ ފަރަހަގެ ފުރާނައެވެ. ދުވެފައި އައި ދަރިފުޅު އޭނާގެ ގައިގައި އޮޅިގަތީ ހަމަ އެންމެ ދެއަހަރުގައި ކުއްޖަކު މަންމަގެ އުރަށް އަރަން އުޅެގަތްކަހަލަ ގޮތަކަށެވެ.

(ނުނިމޭ)