ޚަބަރު

ރަސްދޫގައި އާއި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

އއ. ރަސްދޫ އާއި ސ. ފޭދޫގައި ހައުސިން ޔުނިޓުތަކެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަސްދޫގައި 50 ހައުސިން ޔުނިޓް އަދި ފޭދޫގައި 75 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ކުރިން ކުރި އިއުލާނުތަކާ ގުޅިގެން ހުށަހެޅި ބީލަންތައް ބާތިލުކޮށް އެކަމަށް އަލުން ހުޅުވާލާ ކަމަށެެވެ.

މިނިސްޓްރީން ބުނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ މަތިން ކަމަށެވެ.

މި ބީލަން ތަކުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ކޮންމެ ބީލަމަކަށް ދައްކަން ޖެހޭނެއެވެ. އެގޮތުން ރަސްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފައިސާ ބަލައިގަންނާނީ 23 އޮގަސްޓު 2022 އިން 01 ސެޕްޓެމްބަރު 2022 އަށެވެ. އަދި ފޭދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފައިސާ ބަލައިގަންނާނީ 25 އޮގަސްޓު 2022 އިން 04 ސެޕްޓެމްބަރު 2022 އަށެވެ. މިނިސްޓްރީން ބުނީ ފައިސާ ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.

މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން، މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ރަސްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 255,000ރ އަދި ފޭދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 381,000ރ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރު ދައްކަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތެއް ކަމަށް ކަނޑައަޅާފައިވަނީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.