މިހަފުތާގެ އަންގާރަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ވަނީ ގަތަރަށް ޚާއްސަ ދަތުރުފުޅެއް ފައްޓަވައިފައެވެ. މިއީ މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ގުޅުންހުރި ދަތުރުފުޅެކެވެ. ޕާކިސްތާނަކީ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ގައުމެއް ނޫނެވެ. އެކަމަކު މިފަހަރުގެ ވޯލްޑްކަޕް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިޔުމުގައި ޕާކިސްތާނަށް ވަރަށް މުހިއްމު ދައުރެއް އަދާކުރަން އެބަޖެހެއެވެ. ބޮޑުވަޒީރު ޝަހުބާޒު ޝަރީފުގެ ދަތުރުފުޅަކީ މިކަމާމެދު ގަތަރާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އޭނާގެ ދަތުރުފުޅު ފެއްޓެވުމުގެ އެއްދުވަސްކުރިން ޕާކިސްތާނުގެ ވަޒީރުންގެ މަޖިލީހުން ވަނީ މިއެއްބަސްވުން ފާސްކޮށްފައެވެ. ކެބިނެޓުގެ ރުހުން ދުރާލައި ބޭނުންވަނީ ކަމުގެ ގޮތާއި ބާވަތުންނެވެ.
ޕާކިސްތާނާއި ގަތަރާދެމެދު ސޮއިކުރެވެނީ ވޯލްޑްކަޕުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕާކިސްތާނުގެ ބޮޑު ލަޝްކަރެއް ގަތަރަށް ފޮނުވުމާއި ބެހޭ އެއްބަސްވުމެކެވެ. ވޯލްޑްކަޕް ދުވަސްވަރު ގަތަރުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ޕާކިސްތާނުން އިސް ދައުރެއް އަދާކޮށްދިނުމަށް ރަސްމީކޮށް ގަތަރުން ވަނީ އެދިފަައެވެ. ކަމުގެ ގޮތާއި ބާވަތުން ޕާކިސްތާނު ބޭނުންވަނީ ދެގައުމުގެ މެދުގައި މިކަމުގެ އެއްބަސްވުމެއް އެންމެ ފުރަތަމަ ގާއިމްކޮށް އޭގެ ދަށުން ކަންކަން ކުރުމަށެވެ. ޕާކިސްތާނުން ފޮނުވާންވީ ލަޝްކަރުގެ ސައިޒާއި ބޭނުންކުރެވޭނޭ ހަތިޔާރުގެ ބާވަތާއި ގަތަރުގައި ދެމިތިބޭނޭ މުއްދަތާއި ޒިންމާތަކުގެ ކުޑަބޮޑުމިން ކަނޑައެޅޭނީ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ގަތަރުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާތަކުންނެވެ.
ވޯލްޑްކަޕުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި އުޅޭނީ ޕާކިސްތާނު ސިފައިން އެކަންޏެއް ނޫނެވެ. އަދިވެސް ކިތަންމެ ބައެކެވެ. ތުރުކީވިލާތުންވެސް 3250 މީހުންގެ މައްޗަށް އެކުލެވޭ ފައުޖެއް ފޮނުވާނެއެވެ. މީގެ އިތުރަށް ތުރުކީން ދަނީ ގަތަރުގެ ސަލާމަތީ ބާރުތައް ތަމްރީނު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ތުރުކީއާ ވަކިން ނޭޓޯގެ އެހީތެރިކަންވެސް ގަތަރުން ހޯދާނެއެވެ. ގަތަރުން ވަނީ ނޭޓޯއާއެކު އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އެންމެ ބޮޑެތި ވީއައިޕީންގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭނީ ނޭޓޯއިންނެވެ. ޚާއްސަ ވައްތަރުގެ ކަވި އޮޮޕަރޭޝަންތައް ހިންގުމަށްޓަކައި ދެކުނު ކޮރެޔާގެ ފައުޖެއް ގެންދިޔުމާ ގުޅޭގޮތުން އެގައުމާއެކުވެސް ގަތަރުން ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. ގަލްފަށް ނިސްބަތްވާ ފައުޖެއް ސައުދީންނާއި އެމިރޭޓްސްއިންވެސް ފޮނުވާނެއެވެ.
ވޯލްޑްކަޕް ދުވަސްވަރު އެހެނިހެން ގައުމުތަކުގެ އަސްކަރީ މަދަދު ލިބިގަތުމަށް ގަތަރުން މަސައްކަތްކުރާއިރު ގަތަރުގެ ސަލާމަތީ ފައުޖުވެސް އެގައުމުގެ އާބާދީއާ ބަލާއިރު ކުޑައެއް ނޫނެވެ. އަދި ބަޖެޓްވެސް ކުޑައެއް ނޫނެވެ. އެއްގަމާއި ވަޔާއި ކަނޑުގެ ގޮފިތައް ޖުމްލަކޮށްލީމާ އެކްޓިވް މީހުންގެ އަދަދުވެސް ބައިލައްކައަށްވުރެ މައްޗެވެ. މި އެންމެންނާއި ހަތިޔާރަށް އަހަރަކު ދެ ބިލިޔަނެއްހައި ޑޮލަރު ޚަރަދުވެސް ކުރެއެވެ. އެހެންނަމަވެސް ގަތަރުގެ ސަލާމަތީ ބާރުތަކަށް ތަމްރީނު ލިބިފައިނެތް ދާއިރާތައް ވަރަށް ގިނައެވެ. އެހެންވީމާ އެދާއިރާތަކުގައި ގަތަރަށް އެހީވާން ގެންނަން ބޭނުންވަނީ އެކަމުގައި އެންމެ ފުންނާބު އުސް، މަޝްހޫރު ގައުމުތަކުގެ ސިފައިންނެވެ. ކޮންމެ ބަޔަކުވެސް ގެންނާނީ އެބަޔަކު ބުނި އަގެއް ދީފައެވެ. އެގޮތުން ޕާކިސްތާނަށްވެސް މި އޮޕަރޭޝަނުން ވަރަށް ބޮޑު ފައިދާއެއް ނެރެވޭނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް މިވަޑައިގެންނެވީ ގަތަރާއެކު ހެދޭ ޑީލްގެ ސަބަބުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ލިބޭން އޮތް ފައިދާގެ ބޮޑުކަމުންނެވެ. އެފައިދާ އޮތީ ދެ ބަޔަކަށެވެ. އެއްބަޔަކީ ފައިސާއެވެ. އަނެއްބަޔަކީ ޕާކިސްތާނުގެ ސިފައިންގެ ކެރިކުޅަދާނަކަމަށް ދުނިޔެއިންކުރާ އިތުބާރާއި ދޭ އިހުތިރާމެވެ. މިވަގުތު އަދި ކަށަވަރުނުވާ އެއްޗަކީ ޕާކިސްތާނު ސިފައިންގެ ޒިންމާއެވެ. ގަތަރުން ކޮންމެ ގައުމަކާވެސް ހަވާލުކުރަނީ ވަކި ބާވަތެއްގެ ޒިންމާއެކެވެ. ގަތަރުން ކޮންމެ މަސައްކަތެއް ޕާކިސްތާނާ ހަވާލުކުރިއަސް އެކަމަށް އާނއެކޭ ވިދާޅުވެ ޑީލް ފައިނަލް ކުރުމުގެ ބާރާއި އިޚުތިޔާރު ޝަހުބާޒް ޝަރީފަށް ދިނުމަކީ ކެބިނެޓާއި އަސްކަރިއްޔާއިންވެސް މިޑީލް ކާމިޔާބު ކުރުމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެކެވެ.
އެނގިފައިވާ ގޮތުގައި ޝަހުބާޒުގެ އަރިހުގައި އަސްކަރިއްޔާގެ ވަރަށް މަތީ ފެންވަރުގެ ޓީމެއްވެސް މިދަތުރުގައި ބައިވެރިވެއެވެ. މިފަހަރު ނޫނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތެއް ޕާކިސްތާނަކަށް ނުލިބެއެވެ. އެހެންވީމާ މި ފުރުސަތު ދެއަތުން ނެގުމަށް ޕާކިސްތާނު ވަރަށް ޝައުގުވެރިވެއެވެ. މީގެ ކުރީގެ ވޯލްޑްކަޕުތަކުގައިވެސް މުބާރާތް ބާއްވާ ގައުމުން އެހެނިހެން ގައުމުތަކުގެ އެހީތެރިކަން ހޯދާފައިވެއެވެ. އެކަމަކު ގަތަރުން މިހާރު އެކަންކުރާ ބީދައިން އެއްވެސް ބަޔަކު އެކަމެއް ނުކުރެއެވެ. އެހެން ކޮށްފައި ނެތީ އެއީ ގަތަރަށްވުރެ ބޮޑެތި އަދި ކެރިކުޅަދާނަކަންވެސް އެތައް ގުނައެއް އުހުގައިވާ ގައުމުތަކެއް ކަމަށް ވުމުންނެވެ. ގަތަރަކީ މިހާތަނަށް ވޯލްޑްކަޕް ބޭއްވޭ އެންމެ ކުޑަ ގައުމެވެ. އެންމެ ބައިމަދު ގައުމުވެސްމެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022