ޚަބަރު

ދައުލަތުގެ ނަމުގައި ލޯނު ނަގާއިރު މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް ހުށަހެޅި ބިލު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ދައުލަތުުގެ ނަމުގައި ލޯނު ނަގާއިރު ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

އެ ބިލު މަޖިލީހުން ބޭރުކޮށްލީ، ބިލު މަޖިލީހަށް ބަލައި ގަންނަން ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ބަލައި ގަންނަ ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ.

މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަ ތޯރިގު ހުށަހެޅި ބިލުގައި ބުނަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމުހޫރިއްޔާއަށް ހުށަހަޅުއްވައި، އެކަން އެގޮތަށް ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވައި ރައްޔިތުންގެ މަޖިލީހަށް އެކަމެއް ހުށަހެޅުއްވުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

މާލިއްޔަތު ގާނޫނަށް ފުރަތަމަ އަމަލު ކުރަން ފެށި އިރު، އެކަން އޮންނަ ގޮތަކީ ދައުލަތުގެ ނަމުގައި ދަރަނި ނެގޭނީ އަދި ގެރެންޓީ ދެވޭނީ އެކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދަށާއި މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ދަރަންޏެއް ނަގާ ކޮންމެ ފަހަރަކު އަދި އެ ގެރެންޓީއެއް ދޭ ކޮންމެ ފަހަރަކު ދަރަނި ނުވަތަ ގެރެންޓީއާ ގުޅޭ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓަރު މަޖިލީހަށް ފޮނުވަންޖެހޭ ގޮތަށެވެ.

ލޯނު ނެގުމަށް މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގާނޫނު 2010 ވަނަ އަހަރު އިސްލާހުކުރީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށާއި ދައުލަތް ޒިންމާވާ ގޮތަށް އެ ދުވަސްވަރު ލޯނުތަކެއް ނަގަން އުޅުމުން އެކަން ހުއްޓުވުމުގެ ގޮތުންނެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު 2014 ވަނަ އަހަރު ވަނީ މާލިއްޔަތުގެ ގާނޫނު އެންމެ ފުރަތަމަ އޮތް ގޮތަށް މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ދައުލަތުގެ ނަމުގައި ލޯނު ނެގޭ ގޮތަށް މާލިއްޔަތު ގާނޫނު އިސްލާހުކޮށްފައެވެ.