ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްގެން، އެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް މަގާމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ މަގާމުން ވަކިކުރަން ފާސްކުރީ ވޯޓު ދިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވަގުތު ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 25 މެންބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދެއްވި އިރު، އެކަމަށް ބޭނުންވަނީ 13 މެންބަރުންގެ ވޯޓެވެ.

މަޖިލީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ޖަނަވަރީ 2021 އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ހަލީމް، މިއަދު މަގާމުން ވަކިކުރި އިރުވެސް އޭނާއާ ގުޅޭ ގޮތުން މަޖިލީހުގެ އާއްމު ކޮމެޓީން ބެލީ ކޮން މައްސަލައެއް ކަމެއް އަދިވެސް ހާމައެއް ނުކުރެވެ.

ނަމަވެސް ހަލީމް ސަސްޕެންޑް ކުރި ދުވަސްވަރަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގައި އިންނަވާ އޮފީހުގައި ދައްކަވާ ވާހަކަތައް އަޑުއެހުމަށް "ބަގު" ކުރުމުގެ ބޭނުމުގައި އެކަމަށް ބޭނުންވާ އާލާތް ހަރުކުރަން އުޅުނު މައްސަލައެއް ފެންމަތިވި ދުވަސްވަރެކެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއަށް އެ މައްސަލަ ހުށަހަޅައި އެކަން ބެލުމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.