އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހުޅުމާލޭގައި ކުރަފަތަކުން ހަމަލާދިން މީހާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާއިން ވަކިކޮށްފިއެވެ.
ހުޅުމާލޭ ނިރޮޅުމަގުގައި ސައިކަލެއްގައި މަޑުކުރައްވައިގެން އިންނަވަނިކޮށް، އަލީ ސޯލިހަށް އިންޒާރު ދިނުމަށް ފަހު، ކުރަފަތަކުން ހަމަލާދިނީ ރ. މަޑުއްވަރީ މީހެއް ކަމަށްވާ މުހައްމަދު ޖަމީލެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އަލީ ސޯލިހު "ވަން" އަށް ވިދާޅުވި ގޮތުގައި ޖަމީލް މަސައްކަތް ކުރީ އޭނާގެ ފަހަތުން ކަރަށް ހަމަލާ ދިނުމަށެވެ. ނަމަވެސް ކުރަފަތް ނެގުމާއެކު ސައިކަލު ދުއްވާލުމުން ކުރަފަތް އެޅުނީ ވާތް ފަރާތު އަތުގައާއި ބުރަކަށީގައި ކަމަށާއި ލިބުނު ޒަހަމްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ، އަލީ ސޯލިހަށް ހަމަލާދިނުމުން ސަސްޕެންޝަންގައި ހުރި އެ ކޯޕަރޭޝަންގެ ސަޕޯޓް ސްޓާފް، ޖަމީލު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ޖަމީލް ވަޒީފާއިން ވަކިކުރީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
"އަޅުގަނޑުމެން މިދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުން. ކަމާ ބެހޭ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން،" މަޝާރު ވިދާޅުވިއެވެ.
މަޝާރު އިތުރަށް ވިދާޅުވީ، ޖަމީލަށް އެޗްޑީސީގެ ވަޒީފާދިން އިރު، އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން އެނގިފައި ނުވާ ކަމަށެވެ.
ޖަމީލަކީ ސަލްމާން މިސްކިތުގައި ހުކުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށް އެ މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރުމުން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެމީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ބުނެ ފުލުހުން އޭރު އޭނާ ދޫކޮށްލިއެވެ.
ޚަބަރު
ޚަބަރު