ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ޖަލުތައް ބަދަލުކުރެވިފައިވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދު މާފުށީ ޖަލުގައި ކުރިއަށްދިޔަ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެން ކަމަށާއި އެމަގަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި މިއަދު އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށް އާދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"އާދެ މިއަދު ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތާއި ފަލްސަފާ މާޒީގެ ސަފުހާތަކަށްލައި، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފަ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން،" އިމްރާން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ހާލަތަށް އަލިއަޅުއްވާލައްވައި އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި، އެކަމާ ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ގޮސްފައިވާ ކަމަށެވެ. މިކަމުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިންނާއި މުޅި މުޖުތަމައުގެ ތެރެއިން, ހުރިހާ ރައްޔިތުން ކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ވަށާޖެހޭ ފުރިހަމަ ގާނޫނަކާއި އެގާނޫނު ތަފާތުކުރުމެއްނެތި ހަމަހަމަކޮށް ފުރިހަމައަށް ތަންފީޒުކުރުމާއި ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމަކާއި ނުލައި ކުށްމަދު މުޖުތަމައެއް ގާއިމު ނުކުރެވޭނެ ކަމަށެވެ.
ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެންމެ ހާއްސަ މަސައްކަތެއްގެ ގޮތުގައި ކުރައްވަނީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަ ކުރުން ކަމަށެވެ. މިދައުރު ފެށިއިރު ރިހިބިލިޓޭޝަނަށް އެންމެ ރަނގަޅަށް ސަމާލުކަން ދެވިފައި ނެތް ކަމަށާއި ނަމަވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދީ ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާފައިވާ ކަމަށެވެ. އަދި ކަރެކްޝަންގެ މުޅި އޮނިގަނޑަށް އެބަދަލުތައް ގެނެސްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރަނގަޅު ރިހިބިލިޓޭޝަން ނިޒާމެއް ގާއިމުކުރެވޭނީ އެމަސައްކަތް ކުރެވިގެން ކަމަށާއި އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ގައިދީއަކު ރިހިބިލިޓޭޓްވެގެން ނުކުތުން ކަމަށެވެ. އަދި ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމް ހެދި، ރިހިބިލިޓޭޓް ކުރެވިގެން ނުކުންނާނެ ތަނަކަށް ވެގެންދާނެ ކަމަށާއިި އެ ޕްރޮގްރާމް މިއަދު ނިންމި ގައިދީން އަލުން ގައިދީއެއްގެ ގޮތުގައި ޖަލުގެ ތެރެއިން ފެންނަން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު