ޖަލަށް ގެންދާ ކޮންމެ މީހަކީވެސް، ރިހެބިލިޓޭޓްކުރެވި އަނބުރާ މުޖުތަމައަށް ގެނެވޭ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް)ގެ މާފުށީ ޖަލުގައި ގައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދިޔަ ސެޓްފިކެޓްް1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގައިދީންނާ މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިހުތިރާމާއި އިހުސާންތެރިކަމާއެކު މަސައްކަތްކޮށް އަނބުރާ މުޖުތަމައަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ހާލެއްގައި މި މުޖުތަމައުގެ ތެރޭގައި ކަން ކޮށްގެންވާނެ ގޮތް ނޫންކަމަށް ވިދާޅުވިއެވެ.

އެމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދަވައި ވިދާޅުވީ، މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތް ކަމަށާއި އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާ ދޭތެރޭގައި އިހުތިރާމާއި އިހުސާންތެރިކަމާއެކު އަމަލުކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާއެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުން ކަމަށެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މާފުށީ ޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީނަށް ވަނީ މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފައެވެ. އެގޮތުން މިއަދު ސެޓްފިކެޓް ލިބުނު ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ އަޒުމް ކަނޑައެޅުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް ނައިބު ރައީސް ވާހަކަދެއްކެވިއެވެ.

މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހަތަރު މަރުހަލާއަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ގައިދީންނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.